ދަރިންގެ ހާޟިރުގައި އެކުދިން ދިފާއުކޮށް، ދޮންފުތު ލޯބިދިނުމަކީ ބޮޑު ގޯހެއް ކަމަށް އިސްލާމީ މަރްކަޒުގެ އިސް އިމާމު ޝައިޚް މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ދޮންފުތުލޯބި ދިނުމަކީ ތިމާގެ ދަރިފުޅުގެ ކުށް ތިމާއަށް ނުފެންނުމެވެ. ނުވަތަ ދަރިންދެކެ ވާ ކަނު ލޯތްބެވެ.

އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި އިހްޔާ ފޯރަމްގައި ވާހަކަ ދައްކަވަމުން ޝެއިހް ލަތީފު ވިދާޅުވީ ހަގީގަތް ނޭނގޭ ކަންކަމުގައި ދަރިން ދިފާއުކޮށްގެން ނުވާނެ ކަމަށެވެ.

"ދަރިންގެ ހާޟިރުގައި އެކުދިން ދިފާއުކޮށް، ދޮންފުތު ލޯބިދިނުން އަޅުގަނޑުމެން މި ކިޔަނީ. އެކަން ކޮށްގެން ނުވާނެ. އެއީ ވަރަށް ބޮޑު ގޯހެއް،" ޝެއިހް ވިދާޅުވިއެވެ.

"ދަރިން ދޮންފުތުކޮށްގެން ނުވާނެ. ހަގީގަތް ނޭނގޭ ކަންކަމުގައި ދަރިން ދިފާއުކޮށްގެން ނުވާނެ."

ދަރިން ތަރުބިއްޔަތު ކުރުމުގައި ހެދޭ ބައެއް ގޯސްތައް ފާހަގަ ކުރައްވަމުން ޝެއިހް ވިދާޅުވީ ދަރިން ގޯސްވީމަ ދަރިން ގެއެއް ނެރުމަކީ ވެސް ގޯހެއް ކަމަށެވެ. މައިންބަފައިންގެ ބެލުމުގެ ދަށުން އެ ކުއްޖަކު ގެއްލޭ ގޮތަށް ކަންތައް ނުކުރުމަށް ޝެއިހް އިލްތިމާސްކުރެއްވިއެވެ.

ދަރިން ތަރުބިއްޔަތުކުރުމަކީ ހަމައެކަނި މައިންބަފައިންގެ އެކަނި މަސައްކަތެއް ނޫން ކަމަށާއި އެއީ ޓީޗަރުންނާއި މިސްކިތްތަކުގެ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ޒުވާނުންގެ މަރުކަޒުތަކަކީ ވެސް އިސްލާހު ކުރާތަންތަނަށް ވާންޖެހޭ ކަމަށާއި ބޭކާރު ކަންކަން ކުރާ ތަނަކަށް އެތަންތަން ވެގެން ނުވާނެ ކަމަށް ޝެއިހް ލަތީފު ވިދާޅުވިއެވެ.

ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭ ގޮތުން ގުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވަމުން ޝެއިހް ވިދާޅުވީ މައިންބަފައިން ނަމާދު ކުރުމަށްފަހު، ދަރިންނަށް ނަމާދު ކުރުމަށް ބާރު އަޅަންވާނެ ކަމަށެވެ.

"ނަމާދު މިއީ ވަރަށް މުހިއްމު ކަމެއް. ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ އަޅުކަމެއް. އެ ވަގުތުގައި ޖެހޭނީ ކުރަން. ތިމާމެން [ނަމާދު]ކޮށް، ތިމާމެންގެ ދަރިން އެކަމުގައި ހާނުވަންޖެހޭ. ތަރުބިއްޔަތު ކުރަންޖެހޭ. ފަރުވާކުޑަކުރެވިގެންވާނެ ކަމެއް ނޫން އެއްގޮތަކަށް ވެސް،" ޝެއިހް ލަތީފު ވިދާޅުވިއެވެ.