ރާއްޖެއަށް އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލާގައި ތުހުމަތު ކުރެވުނު ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމިޔަސް,އެންމެންގެ މައްޗަށް ކުށް ސާބިތުވާނެ ހެކި ހޯދާފައިވާ ކަމަށް ބުނެ ނުސީދާކޮށް ފުލުހުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޑިސެމްބަރު, 2021 ގައި ރާއްޖެ އަށް 119 ކިލޯ ޑްރަގް އެތެރެ ކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދު އެވެ.

އެ މައްސަލާގައި ޒުބައިރުގެ މައްޗަށް ކުށް ސާބިތުވިއިރު, ކްރިމިނަލް ކޯޓުން ވަނީ ސުނައިނާއި މުޖާހިދު މިނިވަން ކޮށްފަ އެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތަހުގީގާ ގުޅޭ ވަރަށް ތަފްސީލް ވީޑިއޯ ރިޕޯޓެއް ދެއްކި އެވެ. އަދި 119 ކިލޯ ޑްރަގް އެތެރެ ކުރި ގޮތާއި އެތަކެތި ފޮރުވަން ކުރި މަސައްކަތާއި އެ މީހުންނާ ގުޅުވައި ފުލުހުން ހެކި ހޯދި ގޮތުގެ ތަފުސީލްތައް ފުލުހުން އާންމު ކުރި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ މި ތަހުގީގުގައި މި ކޭސްގައި ހިމެނޭ ހަތަރު މީހުންނަށް ކުށް ސާބިތު ކުރެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް،" ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ތުހުމަތު ކުރެވޭ މީހުންގެ ފޯނުގެ ޕާސްވޯޑު ހޯދަން ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ އަމުރެއް ނުނެރެދިން ކަމަށެވެ. އަދި އެ ފޯނަކީ އެ މައްސަލައާ ގުޅޭ ގިނަ އަދަދެއްގެ ހެކި ހުރި ކަމަށް ބެލެވޭ ފޯނުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދުނިން އަޑުއެހުމެއް ބާއްވާފައި ވިޔަސް އެކަން ޕްރޮސެސް ކޮށްދެން. އެހެން ނަމަވެސް އެ ފުރުސަތެއް ނުދިން. ކްރިމިނަލް ކޯޓުން ނިންމީ އަމުރު ދެވޭނެ ހާލަތެއް ނެތް ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް އެ ކޯޓުން ނިންމި ނަމަވެސް ފޯނުގެ ޕާސްވޯޑުތައް ހޯދުމުގެ ފުރުސަތެއް ހައި ކޯޓުން ވެސް ނުލިބުނު ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑްރަގް ޓްރެފިކިން ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އަހުމަދު ވަހީދު ވިދާޅުވީ މުޅި މައްސަލައިގެ ޒިންމާ ޒުބައިރު ނަގަން އުޅޭ ކަމަށް ދައުލަތުން ކޯޓުގައި ކުރިން ބުނެފައިވާ ކަމަށެވެ. އަދި މައްސަލަ ނިމިގެން އައީ ވެސް ހަމަ އެ ގޮތަށް ޒުބައިރުގެ މައްޗަށް އެކަނި މައްސަލަ ސާބިތުވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.