ސާދަ ސަތޭކަ ސާޅީސް ފަސްވަނަ އަހަރު ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.

ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، އެ ކުންފުނިން މުވައްޒަފުންނަށް ދޭ ތަރާވީހާއި، ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރު ހަސަން ހުސައިން ރިޓަޔާ ކުރުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު، ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. އެހެން ނަމަވެސް، އެ ކުންފުނީގެ އެކަމާއި ގުޅުންހުރި ޕޮލިސީއަށް ބަދަލުގެނެސް މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައި.

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

• އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ

• މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ

• އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

• އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ

• މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް

• ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށް ކަމަށެވެ.