ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން) ދައްކަން ޖެހޭ ސާބިތު ދަރަންޏެއް އޮތުމުން އޭނާއަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި ހުކުމް ކުރީ އެ ދާއިރާއަށް ވާދަކުރައްވާ އަލީ އާޒިމްގެ ކޮއްކޮގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. އެ މައްސަލާފައި ތުހުމަތު ކޮށްފައިވާ ގޮތުގައި ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ޝަރީއަތަށް ސާބިތުވެފައިވާއިރު ހުކުމާ އެއްގޮތަށް އޭނާ ދަރަނި އަދާކުރަމުން ނުދެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ހަސަންއަށް އިންތިހާބުގައި ނުކުރެވޭނެ ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާ ބުނާގޮތުން އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައިވާ ނަމަ އެ މީހަކަށް މަޖިލީހުގެ އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ ކަމަށެވެ.
ހަސަން ޝިޔާމްގެ މައްޗަށް އޮތް ކަމަށް ބުނާ ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 16 ފެބްރުއަރީ 2006 ގައި 10 މިލިއަން ޑޮލަރުގެ ލޯނެއް ދޫކުރި އެވެ. އަދި 18 ޖޫން 2008 ގައި 64 މިިލިއަން ޑޮލަރުގެ ލޯނެއް ވެސް ދޫކުރި އެވެ. އެ ދެ ލޯން ދެއްކުމުގެ ޔަގީންކަން ބޭންކަށް ދީފައިވަނީ، ހަސަން ޝިޔާމް ހިމެނޭހެން 11 މީހެކެވެ.
ފައިސާ ދައްކަމުން ނުދާތީ އެސްބީއައިއިން އަލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނިކޮށް، ޝިޔާމްގެ ފަރާތުން ވަނީ ރަހުނު ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒުކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި އެވެ. ސިވިލް ކޯޓުން އެފަދަ އަމުރެއް ނުދިނެވެ. އަދި ހައި ކޯޓުން ސިވިލް ކޯޓުގެ ނިންމުން ދެމެހެއްޓި ނަމަވެސް މި ހިނދަށް ދަރަނި ދައްކަން ޖެހޭ މީހެއް ގޮތަށް ނުބެލުމަށް އޮތެވެ.