ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދު ދެއްކެވި ވާހަކަތަކަށް ރައީސް މުއިއްޒުގެ ކެބިނެޓު ވަޒީރުން ރައްދު ދެއްވަން ފަށައިފިއެވެ.

މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު އެކްސްގައި ހިއްސާ ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ އެރަށަކީ ވަރަށް ކުޑަ އާބާދީއެއް އޮތް ރަށެއް ކަމަށެވެ. އެހެންނަމަވެސް އެރަށުގައި ރައީސް ސޯލިހުގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި ފެނާ ނަރުދަމާގެ މަސައްކަތްތަކާއި އާ އިންޖީނުގޭގެ މަސައްކަތްތައް ޝާހިދު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެރަށުގައި ފަށާފައިވާ ބައެއް މަސައްކަތްތައް ނިމުމަކާއި ގާތް ވެފައިވާ ކަމަށެވެ. އަދި އެހެން ބައެއް މަސައްކަތްތައް އެކި ހިސާބުތަކުގައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި، ހުރިހާ މަޝްރޫއުއެއް ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ސޯލިހު ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވި އަދި މިހާރު އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސަކަށް ހުންނެވި ޝާހިދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

ޝާހިދުގެ އެ ވާހަކައަށް ރައްދު ދެއްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އައި އިރު ކިތަންމެ މަޝްރޫއު އެއް ހުއްޓިފައިވާ ކަމަށެވެ. އެކަންކަން އަލުން ފައްޓަވައި ބިލްތައް ވެެސް ދައްކަވައި މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި ބައެެއް ތަންތަން ނިމިއްޖެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އަނެއްބައި ތަންތަން ނިމެމުން އަންނަ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ޝާހިދު އެ ވީޑިއޯ ޕޯސްޓު ކުރެއްވިއިރު ހުންނެވި މ. ރަތްމަންދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ކަމަށް ވިދާޅުވެ، ޝާހިދަށް ރައްދު ދެއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގައި ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓު މަސައްކަތް ކަމަށެވެ.

"ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ހަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް،" މުއްތަލިބް ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މިދިޔަ ސަރުކާރުން ދިޔައީ ރަށްރަށުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން ކަމަށެވެ. ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްގީގެ މަޝްރޫއުތައް ހިންގާ ކަމަށް ކުރީގެ ސަރުކާރުން ދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އެއްވެސް މަޝްރޫއު އަކަށް ފައިސާ ނުދައްކާ ދައުލަތުގެ ކުންފުނިތަކުން ސަބްކޮންޓްރެކްޓްކުރި ކުދި ކުންފުނިތަކަށްވެސް ފައިސާ ނުދީ ކުރީ ސަރުކާރުން އިނދަ ޖައްސާލާފައިވާ ކަމަށާއި ރަތްމަންދުއަކީ އެކަމުގެ ލާމަސީލު މިސާލެއް ކަމަށް އޭނާ ވިދާޅުވިއެވެ.