ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސް މީހާ ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާކުރާ ސ. ހުޅުދޫ ދޭލިއާގޭ އިރުފާން ތަގިއްޔު ބަންދުން ދޫކުރަން ނެރުނު އަމުރު ބާތިލްކޮށް، ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރެވޭ ގޮތް ސުޕްރީމް ކޯޓުން މިއަދު ހަރުކަށިކޮށްފި އެވެ.

ޑިސެމްބަރު 2020 ގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް 72 ކިލޯގެ ޑްރަގް މައްސަލައިގައި އެންމެ އިސް މީހެއްގެ ގޮތުގައި ތުހުމަތު ކުރެވޭ އިރުފާން ތަގިއްޔުއަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ދެ ފަހަރަކު އަމުރުކުރިިއިރު، އޭގެ ތެރެއިން އެންމެ ފަހުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއިދުކޮށް އިރުފާން ބަންދުން ދޫކޮށްފައިވަނީ ރަނގަޅަށް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުފާނު ކުރުމުން މިއަދު އިއްވި ހުކުމްގައި ވަނީ އިރުފާން ތަގިއްޔު ރިމާންޑް ބަންދުން ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ވެސް ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްވެވި ހުކުމްގައި ބުނީ ޝަރިއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހާގެ ރިމާންޑް ބަންދު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައިވާ ގޮތުގެ މަތިން މުރާޖައާކުރުމުގައި ވެސް ފަނޑިޔާރު ތަތުބީގުކުރަންވާނީ މީގެކުރިން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާންކޮށްފައިވާ ހަމަތަކަށް ކަމަށެވެ.

އޭގެ މާނައަކީ ހުކުމްގައިވާ ގޮތުން، ފަނޑިޔާރު ރިމާންޑް ބަންދުކުރުމުގައި ވެސް ބަލަންވާނީ ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެފައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮތްތޯ ނުވަތަ ނެތް ތޯ ކަމަށެވެ.

މީގެ އިތުރުން އޭނާ ބަންދުން ދޫކޮށްލާ ސަބަބު ބަޔާންކުރުމުގެ ތެރޭގައި ޝަރީއަތުގައި ހިނގަމުންދާ އަސްލު މައްސަލައިގެ ހެކިތަކާ މެދު ބަހުސްކޮށް އެ ހެކިތަކުން ދޭހަވާ ގޮތް ހާމަކޮށްގެން ނުވާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި ހެކިތަކުގެ ބުރަދަން ހާމަކުރުމުން، އަސްލު މައްސަލައިގެ ހުކުން އަންނާނެ ގޮތް އެނގި އަސްލު މައްސަލައިގެ ހުކުމުގެ މުއާލާތްކެނޑި ޝަރީއަތުގައި އޮންނަ މައްސަލައަށް އަސަރުކުރާނެ ކަމަށް ހުކުމްގައިވެ އެވެ.

އެހެންކަމުން، ރިމާންޑް ބަންދު މުރާޖައާކުރުމުގައި ފަނޑިޔާރު ބަލަންވާނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތުތަކަށް ބަދަލެއް އައިސްފައިވޭތޯ ކަމަށް ހުކުމްގައި ބުންޏެވެ.

އަދި ބަންދުގައި ދިގު މުއްދަތެއް ހޭދަވި ނަމަވެސް މުޖުތަމައުއަށް އެމީހެއްގެ ފުށުން ނުރައްކަލެއް ކޮށްފާނެ މީހަކު ދޫކުރުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ ދައްކާ މަގެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ, އިރުފާން ދޫކޮށްލި އަމުރު ބާތިލް ކުރުމާ އެކު އޭނާ އަލުން ބަންދު ކުރުމާ މެދު ކްރިމިނަލް ކޯޓިުން ގޮތެއް ނިންމަންދެން އޭނާ ހަތް ދުވަސް ވަންދެން ބަންދު ކުރަން އަމުރުކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.