ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި ހަތް މީހުންގެ މައްޗަށް ކުށް ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ނިންމައިފިއެވެ.

މީޑިއާތަކަށް ޕީޖީ އޮފީހުން މީގެކުރިން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ "ވިސްނުން އެބަ ގެންގުޅެން" ކަމަށެވެ. އަދި ބުނީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު އަދި ނުލިބޭ ކަމަށެވެ. ރިޕޯޓް ލިބުމުން ދިރާސާ ކުރުމަށްފަހު، އެންމެ ފަހު ނިންމުމެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ޕީޖީން ބުންޏެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި އެ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

ރ. މީދޫއަށް ނިސްބަތްވާ އަނަސްޖުލައި 31، 2017 ގައި މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރީ ލ. ގަން، ތުނޑި، ޖުނައިހު އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގުގެ މައްޗަށެވެ.

އެ ހާދިސާއަށް ހަ އަހަރުވީ ފަހުން ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ.

މީގެ އިތުރުން ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ބައެއް މީހުންގެ ކޯލް ޑީޓެއިލް ޗާޓުތަކާއި އިންޓެލިޖެންސް ރިޕޯޓްތަކެއް ހުށަހެޅި ނަމަވެސް އެއީ ފުލުހުން ތައްޔާރުކޮށްފައިވާ ލިޔުމެއް ކަމަށްވާތީ އެއީ ވެސް ބުރަދަން ދެވޭނެ ހެއްކެއް ގޮތުގައި ޝަރީއަތުން ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވީ ކުޑަކުއްޖެއްގެ މައްޗަށެވެ.

ދަށު ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމި ނަމަވެސް ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮކްޓޯބަރު، 2022، ގަ އެވެ. ނަމަވެސް ފަހުން ރައީސް ވަނީ އޭނާގެ އަދަބު ލުއިކޮށް ދެއްވައިފަ އެވެ.