ރާއްޖެއަށް އެތެރެކުރި 110 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އެކަކު އުމުރަށް ޖަލަށްލައި, އެ މައްސަލާގައި ދައުވާ ލިބުނު އަނެއް ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

2021 ވަނަ އަހަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހުއްޓުވި ޓެކްސީއަކުން 119 ކިލޯ ޑްރަގް ފެނުނެވެ. އޭގެފަހުން ބައެއް ތަންތަން ފާސް ކުރިއިރު ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރާއި އެރަށު އިރުމަތީގެ އަހުމަދު ސުނައިނާއި އަދި އެރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށެވެ.

ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި ފެނުނު މަސްތުވާތަކެއްޗަކީ ޒުބައިރުގެ ހިޔާޒަތުން ފެނުނު ތަކެތި ކަމާއި އެ ތަކެތި އެ ތަންތަނުގައި ހުރި ކަމާއި އޭގެ އިލްމު އޭނާއަށް ލިބިފައިވާ ކަމަށް ހެކިންގެ ހެކި ބަހުންނާއި ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންވެ, ޒުބައިރުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ އެކު, 100,000ރ. އިން ޖޫރިމަނާ ކުރީ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

ނަމަވެސް، ފެނުނު މަސްތުވާތަކެތީގެ މައުލޫމާތު ސުނައިހަށް އެނގޭ ކަމަށް ނުބެލެވޭ ކަމަށާއި އަދި އެކަން ސާބިތުކޮށްދިނުމަށް ދައުލަތުން އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށް ހުކުމްގައިވެ އެވެ. އެ މަސްތުވާތަކެތީގެ މައްޗަށް ސުނައިހުގެ ހިޔާޒަތު އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

މައްސަލާގައި މުޖާހިދުގެ ގެ ބަލައިފާސްކުރިއިރު ކާރާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށާއި ކާރު ހުޅުވާފައިވަނީ ވެސް ފުލުހުން ބާރުގެ ބޭނުންކޮށްގެން ކަމަށް ހުކުމްގައިވެ އެވެ. ކާރުގެ ތެރެއިން ފެނުނު މަސްތުވާތަކެތި އަޅާފައިހުރި ފުޅިމަދު ފޮށިތަކާއި ދަބަސްތަކުން އޭނާގެ ފިންގަޕްރިންޓެއް، ޑީއެންއޭއެއް ވެސް ފެނުފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ މުޖާހިދުގެ މައްޗަށް މަސްތުވާތަކެތީގެ ހިޔާޒަތު އޮތްކަން އެނގޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށާއި އެހެންވެ އެ ތަކެއްޗާ ގުޅިގެން އޭނާ ގާނޫނީ ގޮތުން ޒިންމާދާރު ކުރެވިދާނެ ކަމަކަށް ނުދެކޭ ކަމަށެވެ.

ޒުބެއިރާއި ސުނައިނަކީ މަސްތުވާތަކެތީގެ އެހެން މައްސަލަތަކެއްގައި ދައުވާ ވެސް ލިބޭ ދެ މީހުންނެވެ.. އެ މައްސަލަ މިހާރު ވެސް ހައި ކޯޓުގައި ކުރިއަށްދެ އެވެ.