މިހާރު ހަމަޖެހިފައިވާ ގޮތަށް ފުލުހުންގެ މުސާރަ 35 ޕަސެންޓު މިމަހުން ފެށިގެން ބޮޑު ކޮށްފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ހާއްސަކޮށް ހަދާފައިވާ ވަޓްސްއަޕް ގްރޫޕަށް ޝިފާން މިރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން 35 ޕަސެންޓު ސަރުކާރުން ބޮޑުކޮށްފައިވާ ކަމަށެވެ. އާ މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަގާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭ ގޮތުން ދެވޭ އެލަވަންސެއް ކަމަށް ޝިފާން ވިދާޅުވިއެވެ.
"މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު. މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުންކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފް ކުރުމުގެ ގޮތުން ކުރިންދެމުންއައި އެލަވަންސްތަކަށް ބަދަލު ގެނެވިފައި ވާނެ،" ޝިފާން ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އާއްމު ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރުމަށްޓަކައި ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ އިދާރާތަކަށް އައު އޮނިޑަނޑު ވަނީ ފޮނުވައިފައެވެ. ޕޭ ކޮމިޝަނުން އޭރު ފޮނުވާފައިވާ އޮނިގަނޑަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވީ ވައުދާ އެއްގޮތަށް ފޮނުވި އޮނިގަނޑެކެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަތައް ބޮޑު ކުރަން ނިންމައި އެކަން އިއުލާން ކުރައްވާފައެވެ. އެމަނިކުފާނު އިއުލާން ކުރެއްވީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑު ކުރައްވާނެ ކަމަށެވެ.
މި އަހަރަށް ލަފާކޮށް ކުރީ ސަރުކާރުން ހުށަހަޅާ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި އެކި ދާއިރާތަކުގެ މުސާރަތައް ބޮޑު ކުރުމަށް 500 މިލިއަނެއްހާ ރުފިޔާ ވަނީ ހިމަނައިފައެވެ.