ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަނާއި (އާރްޑީސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ ކުރިއަށްދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދުގެ ވާހަކަފުޅުގައި މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއިއެކު އެމްއޭސީއެލް އިން ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރެއްވިއެވެ. އަދި އެމްއޭސީއެލްގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތް ނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެ މަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އާރުޑީސީ ފަދަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ވިދާޅުވިއެވެ.
"އެމްއޭސީއެލް އަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއާޕޯޓެއް ހިންގާ ބައެއް. މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން." އެމްއޭސީއެލްގެ ސީއީއޯ ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާރުޑީސީގެ މެނޭޖިން ޑައިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވަނީ، އެމްއޭސީއެލްގެ ހީވާގި ވެރިންގެ މަސައްކަތް ފާހަގަކުރައްވާ، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް ދެއްވި ފުރުސަތަށް ޝުކުރު ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އާރުޑީސީގެ ކުރިމަގު ބިނާ ކުރަމުން ދާނީ ސީނިއާ ލެވެލްގެ ސަރުކާރު ކުންފުނިތަކާއިއެކު މަސައްކަތްކޮށް އިތުރަށް ފުޅާކޮށްގެން ކަމުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާއި ހަވާލުކުރުމުން ބޭރުކުންފުނިތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެ ރަގަޅަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރ.ޑީ.ސީއަކީވެސް އެމް.އޭ.ސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެކަމަށް، އެކަމަށް މިމަސައްކަތްކުރަނީ." އާރ.ޑީ.ސީގެ މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ވިދާޅުވިއެވެ.
މީގެ އިތުރުން އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ ތަރައްގީ އަށް ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީތެރިކަން އާރްޑީސީ އިން ދެމުންގެންދާނެކަމުގެ ޔަގީންކަންދެއްވާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން ވިދާޅުވީ، ވަރަށް ގިނަ މަޝްވަރާތަކަކަށްފަހު ސޮއިކުރެވުނު އެ ފަހުމުނާމާއާއެކު، ހުޅުލޭގައި މިހާރު ކުރަން ހުރި މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެމްއޭސީއެލްގެ ފެސިލިޓީ މެނޭޖްމެންޓުން ކުރަމުންގެންދާ މަސައްކަތްތަކަށް މިހާރަށްވުރެ ބޮޑަށް އިންޓަނަލީ ފޯކަސްކުރެވި، ދެންހުރި ބޮޑެތި މަސައްކަތްތަކާއި އަދި ލޭންޑްސްކޭޕިންގެ އިތުރުންވެސް އާރްޑީސީ އިން ކުރެވެން ހުރި ކަންކަން އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ފަހުމުނާމާގެ ދަށުން އެއާޕޯޓްގެ ލޭންޑް ސައިޑުގެ މަގު ހެދުމާއި، މަރާމާތު ކުރުމާއި، ރީސާފޭސް ކުރުމުގެ މަސައްކަތް އާރްޑީސީ އިން ކުރާނެއެވެ. އަދި މަގުތައް ގަވާއިދުން ބެލެހެއްޓުމާއިއެކު މަގުގައި ހެދިފައި ހުންނަ ވަޅުގަނޑު ރަނގަޅު ކުރުމާއި އިމާރާތްތައް މަރާމާތުކުރުން ފަދަ ކަންކަމުގެ އިތުރުން، މަގުތަކުގައި ލައިން މާކިން ދެމުމުގެ މަސައްކަތްވެސް އެކުންފުނިން ކުރިއަށް ގެންދާނެއެވެ.
މީގެ އިތުރުން މަގުތަކުގެ ފެން ހިއްކުމުގެ ނިޒާމުތަކާއި، އަދި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ސާފުކުރުމާއި އެމްއޭސީއެލްގެ ބޭނުންތަކާއި އެއްގޮތައް އެއާޕޯޓުގެ އާންމު ތަންތަނާއި، ހިނގާރިތަކާއި، އަދި އެނޫންވެސް ކަނޑައެޅިފައިވާ ތަންތަން ސާފުކުރުމާއިއެކު ކަނޑައެޅިފައިވާ ސަރަހައްދުތަކުން ކުނި ނައްތާލުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ކުރިއަށް ގެންދާނެއެވެ.
މިއީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރައްވާ ދަތުރުވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފަސޭހަ އާއި، ސަލާމަތާއި ރައްކާތެރިކަމަށް އެމްއޭސީއެލް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދެވޭ މުހިއްމު މަސައްކަތްތަކެކެވެ.
އެ މަސައްކަތްތަކާއި އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ލޭންޑް ސައިޑްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދި މަގު ބޭނުންކުރާ ފަރާތްތަކަށް މިހާރަށްވުރެ އެތައް ގުނައެއް ފަސޭހަވެގެން ދާނެއެވެ.