ދިވެހީންގެ އިންފާރުގެ އެތެރެ އަމިއްލަ އަށް ބެލެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ މިރޭ ދިވެހި ސިފައިންގެ އެއާކޯ ނުވަތަ ވައިގެ ސިފައިން އިފްތިތާހް ކުރުމަށްޓަކައި ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުން ތުރުކީން ގަތް އަސްކަރީ ޑްރޯންތައް ބޭނުން ކުރުން ވެސް ވަނީ ފަށައިފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑްރޯންތަކާއެކު ދިވެހި އަސްކަރިއްޔާ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި އެ މަސައްކަތަކީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ގައުމުގެ އިގްތިސޯދުގެ ކުރިއެރުމަށްޓަކައި ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ކުރެވިގެން ދަނީ، އެންމެ ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެކުރިން ދިވެހިން މިފަދަ ކަންކަން ކުރަން މުޅީން ވެސް ޖެހިފައި އޮތީ އެހެން ގައުމުތަކުގެ އެހީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް އޭރު ކުރަން ޖެހުނީ ގައުމުގައި އެ ގާބިލިއްޔަތުކަން ނެތުމުން ކަމަށެވެ.
"މިއަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލަ އަށް އަޅުގަނޑުމެންގެ ސަރަހައްދު ބެލެހެއްޓީމާ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް އެބަ ޔަގީންވެގެން ދޭ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރާއްޖެ އަކީ ކުޑަ ގައުމެއް ނޫން ކަމަށާއި މި ގައުމަކީ 9 ލައްކަ އަކަ ކިލޯމީޓަރުގެ ކަނޑުގެ ބޮޑު ސަރަހައްދެއް އޮތް ގައުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެފަހުން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނީ ދިވެހި ސިފައިން ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ކޮންމެ ކަމެއްގައި ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރި ވާންޖެހޭ ކަމަށާއި މިފަދަ ކަންކަމުގައި ސިޔާސީ ވިސްނުން އެއްފަރާތް ކުރަން ޖެހޭ ކަމަށް ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ސިޔާސީ ފިކުރު ވެސް އަންނަނީ ދިވެއްސަކަށް ވުމަށް ފަހު ކަމަށާއި މިފަދަ ކޮންމެ ކަމަކީ އެންމެން އެކަތިގަނޑަކަށް ވާން ޖެހޭ ކަންތައްތައް ކަމަށް ރައީސް ވިދާޅުވިއެވެ.