ތުރުކީން ގަތް ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ވަނީ ތުރުކީގެ ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކުގެ ތެރެއިން އަސްކަރީ ތިން ޑްރޯނެއް ގަނެފައެވެ. މި ޑްރޯންތައް އިފްތިތާހް ކޮށްދެއްވީ މިރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ޑްރޯންތަކަށް ހާއްސަކޮށް ދިވެހި ސިފައިން ވަނީ ތުރުކީގައި ތަމްރީނު ހަދައިފައެވެ. މި ތަމްރީނުތައް ހަދާފައިވާ ފުރަތަމަ ބެޗު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް މީގެފަހުން ބަލަހައްޓަމުން ގެންދާނީ ދިވެހި ސިފައިންނެވެ.

ދިވެހި ސަރުކާރުން ތުރުކީން ގަނެފައި ވަނީ "ބައިރަކްތާރު ޓީބީ2" ގެ ތިން ޑްރޯނެވެ.

މި ޑްރޯންތަކަކީ އެމެރިކާ އިން އުފައްދާ އަސްކަރީ އާލާތްތައް ތުރުކީ އަށް ފޯރުކޮށްދޭން ހުއްޓާލުމާއި ގުޅިގެން ތުރުކީގެ ބައިކާރު ކުންފުނިން އުފެއްދި ޑްރޯންތަކެކެވެ. މި ޑްރޯންތައް އުދުހެން ފެށީ 2014ވަނަ އަހަރުއެވެ.

މި ޑްރޯން އަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 އަށް ވުރެ ގިނަ ފޫޓު މަތިން އުދުއްސޭ ޑްރޯންތަކެކެވެ. މި ޑްރޯންގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުންނާނެއެވެ.

ބައިކާރު ކުންފުނީގެ މި ޑްރޯންތައް މިހާރުވެސް ދުނިޔޭގެ 31 ގައުމަކުން އަންނަނީ ބޭނުން ކުރަމުންނެވެ.