ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސީދާ ރައްޔިތު މީހާގެ ކަންބޮޑުވުމަށް ހައްލު ހޯދައި ދެއްވާ ވެރިއެއް ކަމަަށް ވިދާޅުވެ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި މަޖިލިސް އިންތިހާބުގައި ބާރަށު ދާއިރާ އަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާ އެފަދައިން ވިދާޅުވީ މާދަމާ ފެށުމަށް ތައްޔާރުވެފައިވާ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޯއެއް އެކްސްގައި އާއްމުކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
އަތޮޅު ތެރޭ އެއަރޕޯޓް ނެތް ރަށެއްގަ އޮތިއްޔޯ ވަރަށް ނާޒުކު ހާލަތުގަ އޮތް ބަލިމީހެއް.ކައިރި އެއަރޕޯޓަކަށް ގެންދެވޭ ހާވެސް ނާޒުކު.
"މިފަދަ ހާލަތްތަކަކީ ވެސް އަތުވެ ދާނެ ހާލަތްތައް ކަމަށް ދެކެވަޑައިގެން ރައީސް ޑރ. މުއިއްޒު މިވަނީ އުދުހިފަ ގޮސް އެރަށެއްގެ ފަޅަށް ބޯޓް ޖައްސައި، ބަލިމީހާ ގޮވައިގެން ފަރުވާ ދެވޭފަދަ ހަސްފަތާލަކަށް ރައްޔިތުމީހާ ގެންދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާފަ. މިއީ އިނގޭތޯ ގައުމުގައި ހުރި ރައްޔިތުން ހައްލު ހޯދުމަށް ބޭނުންވެގެން އުޅުއްވާ މައްސަލަތަކަކީ،" ރައީސްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ޝުޖާ ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭން ބޯޓުގެ ފޮޓޯއެއް އާއްމު ކުރައްވައިފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވާ ގޮތުގައި އެ ހިދުމަތް ދޭން މާދަމާ ފެށޭނެއެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުން ކުރަން ފަށަން ތައްޔާރުވިއިރު، މިމަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.
އެ މަސައްކަތަށް މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލަން ދެ ބޯޓެއް ވަނީ ތައްޔާރު ކޮށްފައެވެ.