އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުން ކުރަން ތައްޔާރުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ސީޕްލޭން ބޯޓުގެ ފޮޓޯއެއް އާއްމު ކުރައްވައިފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވާ ގޮތުގައި އެ ހިދުމަތް ދޭން މާދަމާ ފެށޭނެއެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުން ކުރަން ފަށަން ތައްޔާރުވިއިރު، މިމަހު ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވަނީ ފަށައިފައެވެ.
އެ މަސައްކަތަށް މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލަން ދެ ބޯޓެއް ވަނީ ތައްޔާރު ކޮށްފައެވެ.
އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރި އަކު ވެސް އުޅޭނެ ކަމަށް ބުންޏެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އެމެޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއާ އެމްބިއުލާންސާ އެކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ. އަވައްޓެރި ސްރީ ލަންކާ އަށް ބަލި މީހުން ގެންދިއުމުގެ ހުއްދަ ވެސް ލިބިފައިވެ އެވެ. އަދި ވަރަށް އަވަހަށް އިންޑިއާ އިން ވެސް ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތުން ބުނި ގޮތުގައި މިހާރު މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސް ނިޒާމުގެ ތެރެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ހިމެނި، ޕްރީ ހޮސްޕިޓަލް ކެއާ ކޯޑިނޭޓްކުރުމުގެ އިންތިޒާމު ރާވައި، ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ފުރިހަމަ ނިޒާމެއްގެ ގޮތުގައި ދެވޭނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އަމާޒަކީ މޯލްޑިވިއަން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް އައިއޭއެސް) ގުޅިގެން ހަރުދަނާ އަދި ދެމެހެއްޓެނިވި ގޮތެއްގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ގާއިމުކުރުން ކަމަށެވެ.