ރަޖިސްޓްރީ ނުކޮށް ހިންގާ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަވަރު" ނޫހަކީ މިހާރު އެމްޑީޕީގެ ރައީސް ޝާހިދުއާ ގުޅުމެއް އޮތް ނޫހެއް ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސަނީފް ދެއްކެވި ވާހަކަތައް ޝާހިދު ދޮގު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ސަނީފް ވަނީ ޝާހިދު އެމްޑީޕީގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވި ގޮތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

އެގޮތުން އެންމެ ބޮޑު ޕާޓީގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެވަޑައިގަތީ އެއްވެސް ބޭފުޅަކު ކުރިމަތި ނުލުމުން ކަމަށް ވިދާޅުވެ ސަނީފް ވަނީ ޝާހިދަށް ފާޑު ވިދާޅުވެފައެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސަނީފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ ވޯޓުގައި އެޕާޓީގެ ބައެއް މެންބަރުން "ރިޝްވަތު" ނެގި ކަމަށް ތުހުމަތު ކުރައްވައިފައެވެ.

"ވަޒީރުން ހޮވި ރުހުން ދިން ވޯޓުގައި އެމްޑީޕީ މެންބަރުން ރިޝްވަތު ނަގައިގެން ރުހުން ދިން އިރު، އަދި އެ ވޯޓަށް ފިލިއިރުގައި މިއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި އެއްވެސް ލީޑަރެއް ނެތް. މިއާ އެއްކޮށް ޕާޓީ ވިއްސި ވިހާލިވެ ޕާޓީ ދެކަފި ވެގެން ދިޔައިރުގައި އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް،" ސަނީފް ވިދާޅުވިއެވެ.

އެ ވޯޓުގައި ސަނީފެއް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެއާއެކު "ދިޔަވަރު" ނޫހުން ވަނީ ސަނީފް ރިޝްވަތު ނެގި ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އިއްޔެ ސޯޝަލް މީޑިއާގައި ސަނީފް ވެމްކޯގެ އެމްޑީ މުޖުތަބާއާއެކު ކެފޭއެއްގައި އިންނެވި މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވިއެވެ.

"ޕާޓީގެ މިއަދުގެ ރައީސް ޝާހިދު އުފައްދައިގެން އުޅޭ ނޫހެއްކަމަށްވާ މިއުވާނުގެ ނޫހުގައި ޕާޓީގެ މެންބަރުން ފަޟީޙަތް ކުރުމަކީ މިދާ ދައުރުގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހުރެގެން އަޅުގަނޑު ކުށްވެރިކުރާ ކަމެއް،" ސަނީފު ވިދާޅުވިއެވެ.

ނަމަވެސް ޝާހިދު ވަނީ ސަނީފްގެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަނީފު ދެއްކެވި ވާހަކައިގައި "ދިޔަވަރު" ނޫހާ އެމަނިކުފާނާއި ގުޅުމެއްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"މަޖިލީހުގެ އިމްތިޔާޒިް ނިވާފަތްގަނޑަކަށް ބޭނުންކޮށް ދޮގު ހެދުމާއި މީސް މީހުންގެ އަބުރަށް އަރައިގަތުމަކީ ޑިމޮކްރަސީ އާއި ބީރަށްޓެހި ކަމެކެވެ. ފިނޑިކަމެކެވެ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދަށް އަމާޒުކުރައްވާ ސަނީފް ދެއްކެވި އެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރައީސް އަސްލަމް ވަނީ ޖަވާބުދާރީ ވެވެން ނެތް ބޭފުޅުން ފާހަގަ ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.