ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީ، އެމްޑީޕީ ދޫކޮށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއާ ގުޅުނީ އޭނާ ނޫން ގޮތެއް ހޯދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އުޅުއްވުމުން ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.
ހަސަންޓޭ ޕީއެންސީއަށް ސޮއި ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދެ މަސް ދުވަސް ނުވަނީސް މިއަހަރުގެ ޖެނުއަރީ ހަތް ވަނަ ދުވަހުއެވެ. ރައީސް މުއިއްޒުގެ ގެކޮޅު، ދިމްޔާތަށް ވަޑައިގެން ޕީއެންސީއަށް ސޮއިކުރެއްވުމަށްފަހު ހަސަންޓޭ "އެކްސް"ގައި ވިދާޅުވީ "އިހްލާސްތެރިކަމާ އެކު ޕީ.އެން.ސީ އާއިއެކު ހުންނާނެ" ކަމަށެވެ.
އިންތިހާބުވި ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ "އެންޓި-ޑިފެކްޝަންސް ބިލު"ގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހަސަންޓޭ މިއަދު ވިދާޅުވީ އޭނާ ޕާޓީ ބަދަލުކުރީ އެމްޑީޕީގެ ވިލަރެސް ކޮމެޓީގައި އޭނާ ނޫން ގޮތެއް ހޯދަން އިބޫ ވިދާޅުވުމުން ކަމަށެވެ.
"އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރި ޕާޓީ ބަދަލުކުރީ އެ ޕާޓީގެ ލީޑަރު [އިބޫ] އަޅުގަނޑު ބަލައިނުގަނެ، އަޅުގަނޑު ނޫން ގޮތެއް ހޯދަން އެދިފަ ކޮމެޓީގަ ވިލަރެސް ކޮމެޓީގައި އެހެން ވިދާޅުވެފައި އޮތީމަ ރާއްޖޭގެ ރައްޔިތުންނަށާއި އަޅުގަނޑު ދާއިރާގެ ލޮބުވެތި މެމްބަރުންނަށް ދަންނަވާލަން،" ހަސަންޓޭ ވިދާޅުވިއެވެ.
"އަޅުގަނޑަކީ އެއްވެސް އިރެއްގައި އަޅުގަނޑުގެ އަތޮޅާއި އަޅުގަނޑުގެ ދާއިރާ އާއި ރައްޔިތުން ދޫކޮށްލާނެ މީހެއް ނޫން. ކޮންމެފަދަ ކަމެއް ވިޔަސް. އަޅުގަނޑަށް ބޭނުންވަނީ ސިޔާސީ ލީޑަރުންގެ ތާއިދަށްވުރެ ޕާޓީއެއްގެ ރައީސެއްގެ ތާއިދަށް ވުރެ ދިވެހިރައްޔިތުންގެ ތާއިދު. އިރާދަކުރެއްވިއްޔާ މިހުރީ ހޯދައިގެން."
ހަސަންޓޭ ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަންގެ ބިލަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ ގާނޫނު ފާސްކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަންޓޭ ޕީއެންސީއަށް ސޮއި ކުރެއްވުމުގެ ކުރިން، އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ވަނީ ސޮއިކޮށްފައެވެ. އެހާ ގިނަ އަދަދެއްގެ މެމްބަރުން އެއްފަހަރާ އެމްޑީޕީ ދޫކޮށް ދިއުމުން، އެންޓި-ޑިފެކްޝަން ބިލު ހުށަހެޅީ މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށެވެ. އެކަން ހުއްޓުވުމަށް ބިލު ފާސްކުރުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ވަނީ އެއްބަސްވެފައެވެ.