އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

އެ ދެބޭފުޅުން އަސްލަމަށް ފާޑުވިދާޅުވީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް، މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ބާތިލު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، އަސްލަމް ހުށަހެޅުއްވީ "ހުސްވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާނެ ގޮތް" ބަޔާންކޮށް، މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައިވާ މާއްދާ ބާތިލު ކުރުމަށެވެ.

ރިޔާސަތުގައި އިންނަވައި، އެ މާއްދާ ބާތިލު ކުރަން ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމް އެ މާއްދާ އުވާލާފައިނުވާ ކަމަށާއި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށެވެ.

"އެ މާއްދާ ސުޕްރީމް ކޯޓުން އުނިކޮށްފައި ނެތީމައި، މަޖިލީހުން ގޮތެއް ނިންމަންޖެހޭ. އެ މާއްދާ އުނިކޮށްދިނުމަކީ މުހިއްމު ކަމެއް. މަޖިލީހަށް މި ހުށަހެޅީ މަޝްވަރާއަކަށް ނޫން. އެ މާއްދާ އުނިކޮށްދިނުމަށް އެދި،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ "ދެއުޅިއެއް ނުވާ" ވާހަކަތަކެއް ހިމެނޭ ހުކުމެއް ކަމަށް ފާހަގަ ކުރައްވައި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ "ދިރިދިރި" އޮތް މާއްދާއެއް ބާތިލު ކަމަށް ބަލައިގެން، މަޖިލީހުގެ ޖަލްސާ އަސްލަމް ފެށްޓެވުމަކީ އަޑުއަހަން ފަސޭހަ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ބަހުސްގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވިދާޅުވުމުން، އެކަމަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުން އިސްތިއުފާ ދެއްވި ހަތް މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ މެމްބަރުންނަކީ 87 ކަމަށް ރިޔާސަތުން އިއުލާންކުރުމުން ސުޕްރީމް ކޯޓުގެ ހުކުމާމެދު ރިޔާސަތުން ގޮތެއް ނިންމަވާކަން އެނގޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ/ މަޖިލިސް

"ޖަލްސާ ފަށާއިރު، ރިޔާސަތުން ވަކި ގޮތެއް ނިންމެވީމަ ދެން އެ މައުޟޫގައި މެމްބަރުން ދައްކާނެ ވާހަކައަކީ ކޮބައިތޯ އަޅުގަނޑުގެ ހިތުގައި މި އުފުދޭ ސުވާލަކީ. އަޅުގަނޑުގެ ގަބޫލު ކުރާ ގޮތުގައި މި މައުޟޫގައި ކައުންސެލް ޖެނަރަލްގެ ލަފައެއް މެމްބަރުންނަށް ބޭނުންވާނެ،" ސަލީމް ވިދާޅުވިއެވެ.

މިއަދު ހެނދުނު 10:30ގައި ފެށި މަޖިލީހުގެ ޖަލްސާ މެދުކަނޑާލީ މެމްބަރުން ނުރަސްމީކޮށް މަޝްވަރާކުރަން ބޭނުންވާ ކަމަށް ސަލީމް ހުށަހެޅުއްވުމުން، އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.