ގަދަކަމުން ދީނީ ނަސޭހަތް އިއްވުމަށް ވުރެ، އެކަމަށް ގަޔާވެގެން އަޑުހަން ތިބޭ މީހުންނަށް އިއްވުން މުހިއްމު ކަމަށް ޝައިޚް ފައްޔާޒު ޢަލީ މަނިކު ވިދާޅުވެއްޖެއެވެ.

ޝެއިހް ފައްޔާޒު އެހެން ވިދާޅުވީ ނަމާދު ކުރާއިރު އާއި ދީނީ ނަސޭހަތްދޭއިރު މިސްކިތުގެ އަޑުގަދަ ކުރާއިން ދުރަށް ފޮނުވުމަކީ ކޮންހަކަލަ ކަމެއްތޯ މީހަކު ސުވާލު ކުރުމުން ދެއްވި ޖަވާބެއްގައެވެ.

ނަސޭހަތް އެއްޗެއްސަކީ ބައެއް ފަހަރަށް ގަދަކަމުން އިއްވުމަށް ވުރެ ބޮޑަށް އެ މީހުން ގަޔާވެގެން އެކަން ކުރީމަ ފައިދާ ކުރާނެ،
ޝެއިހް ފައްޔާޒު

"އަޑުއަހަން ތިބޭ މީހުންނަށް އިއްވުން މުހިއްމީ،" ޝެއިހް ވިދާޅުވިއެވެ.

ޝެއިހް ވިދާޅުވީ މާ އަޑުގަދަކޮށް ދުރަން ފޮނުވުމުން ބައެއް ފަހަރު ނޭދެވޭ އަސަރު ވެސް ކުރާނެ ކަމަށެވެ. އަދި ފައިދާ ވެސް ކުރާނެ ކަމަށާއި އެގޮތުން ނަސޭހަތް އަޑުއިވުމުން ރަނގަޅު ޚަބަރު ލިބި ފައިދާ ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ބައެއް ހާލަތްތަކުގައި މީގައި އުނދަގޫވާ ހާލަތްތަކެއް ވެސް އަތުވެދާނެ... އެހެންވީމަ ކަނުލައި އަޑު ނޭހޭ ހާލަތްތަކުގައި ތިބެ މީހުންނަށް އަޑުއިވުނީމަ އެ މީހުން ފާފަވެރިވާނެ،" ރާއްޖެޓީވީން ގެނެސްދޭ "އަލް ހިކުމަތު" ޕްރޮގްރާމްގައި ޝެއިހް ފައްޔާޒު ވިދާޅުވިއެވެ.

"އަޑު އިވޭ މީހުން ކަނުލައި އަޑުނާހައިފިއްޔާ [ފާހަވެރިވާނެ]. މިސާލަކަށް ގުރުއާން އަޑުއިވޭއިރު ވާހަކަ ދައްކާ ހެދުން ނުވަތަ އެހެން ކަމެއް ކުރާ ކަމަށްވަންޏާ ފާފަވެރިވާނެ. އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ،"

ޝެއިހް ވިދާޅުވީ ކުރު ދީނީ ނަސޭހަތް އަޑުގަދަކޮށް ފޮނުވުން މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ގަޑިއިރު ނުވަތަ ބައިގަޑިއިރު ވަންދެން ކުރިއަށްދާ ނަސޭހަތް އެހާ އަޑުގަދަކޮށް ފޮނުވުން ރަނގަޅު ނޫން ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ވިދާޅުވީ ނަމާދު ކުރާއިރު މިސްކިތުގެ އަޑުގަދަ ކުރާއިން ބޭރަށް އަޑު އިއްވުން ރަނގަޅު ނޫން ކަމަށެވެ. ނަމަވެސް އަޑުގަދަ ކުރާއިން ބަންގި ފޮނުވަންޖެހޭނެ ކަމަށާއި ނަމަވެސް ބަންގި ވެސް އެހާ ބާރަށް ނުފޮނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ނަމާދު ކުރާއިރު ބޭރަށް އަޑުއިވުން ރަނގަޅެއް ނޫން. ބަންގި ރަނގަޅު [އަޑުގަދަކުރާއިން ފޮނުވުން]. އެކަމަކު ބަންގި ވެސް އޭހާ ބާރު ކުރުން ރަނގަޅެއް ނޫން. އެއީ ކުޑަކުދިން ވެސް ތިބޭނެ. ބިރުގަންނަ ގޮތް ވާނެ. ބާރު ކުރީމަ. އޭހާ ބާރު ކުރުން ރަނގަޅެއް ނޫން އަޅުގަނޑަށް ގަބޫލުކުރޭ ގޮތުގައި،" ޑރ. ޢަބްދުއްސައްތާރު ވިދާޅުވިއެވެ.

ނަމާދުތަކާ ހިލާފަށް ކުރު ދަރުސްތައް މިސްކިތުގެ އަޑުގަދަކުރާއިން ފޮނުވުމުން، "ކެތްކޮއްލަން ޖެހޭނެ،" ކަމަށް ޑރ. އަބްދުއްސައްތާރު ވިދާޅުވިއެވެ.

"މީސްތަކުންގެ އުނދަގުލުން ރައްކާތެރިވުމަށް މީސްތަކުންނާ ދުރުގާ އުޅޭ މީހަށްއަށް ވުރެ މީސްތަކުންގެ ތެރޭގައި ހުރެ މީސްތަކުންގެ އުނދަގޫތަކަށް ކެތްކުރާ މީހާ މާ ހެޔޮކަން ބޮޑެވެ،" ހަދީސަކަށް އިޝާރާތްކޮށް ޑރ. އަބްދުއްސައްތާރު ވުދާޅުވިއެވެ.