އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކާއި ގުޅިގެން އިންޑިއާގެ ބައެއް ސޯޝަލް މީޑިއާ އެކްޓިވިސްޓުންތަކަކާއި އަދި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކަކާއި ދެމެދު ހިނގި ބަހުގެ ހަމަލާތަކެއްގައި ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރަށް އިހާނެތި ބަސްތައް ރައްދު ކުރުމުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް އިންޑިއާ އިން ގޮވާލުމުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި މިވަގުތު ހުންނެވި ނަޝީދު އެގައުމުގެ ބައެއް ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ބައެއް ދިވެހިންގެ އަމަލުތަކުގެ ސަބަބުން އިންޑިއާގެ ބައެއް ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޯޓު ކުރުމަށް ގޮވާލާފައި ވާތީ ދިވެހިންގެ ފަރާތުން އެކަމަށް މައާފަށް އެދިވަޑައިގެން އެގައުމުގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރުމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ އިންޑިއާގައި ކެމްޕެއިންތަކެއް ކޮށްފައި ވަނީ ސަރުކާރަށް ނިސްބަތްވާ ބައެއް ޑެޕިއުޓީ މިނިސްޓަރު ސޯޝަލް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގުޅުވައި ދެއްކި ވާހަކަތަކަކާއި ގުޅިގެންނެވެ.

"އޭގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑަށް އަސަރުކޮށްފި. ހަގީގަތުގައި އަޅުގަނޑު މިހުރީ އިންޑިއާގައި. އެކަމާ ވަރަށް ކަންބޮޑުވޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރާއްޖޭގެ ރައްޔިތުން މިކަމަށް މައާފަށް އެދޭ، އަޅުގަނޑުމެން ހިތާމަކުރަން، މިކަން ހިނގީތީ. އަޅުގަނޑުމެން އެދެނީ ޗުއްޓީ ހޭދަކުރަން އިންޑިއާ މީހުން ރާއްޖެ އައުން، އަޅުގަނޑުމެންގެ މެހެމާންދާރީއަށް އެއްވެސް ބަދަލެއް ނާންނާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ގުޅުވާ ވާހަކަ ދެއްކެވި ޑެޕިއުޓީ މިނިސްޓަރުންނަށް ފިޔަވަޅު އަޅާފައި ވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތައުރީފު ކުރައްވާފައެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ އިންޑިއާ މިވަގުތު އޮތީ އެންމެ ގިނަ ފަތުރުވެރިން އަންނަ ލިސްޓުގެ ހަވަނާގައެވެ. މިހާތަނަށް އެގައުމުން އައިސްފައި ވަނީ 28،000 އެއްހާ ފަތުރުވެރިންނެވެ.