ރައްޔިތުން މަޖިލީހުން ރުހުން ނުލިބޭ އެއްވެސް ވަޒީރަކު އަލުން އެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މަޖިލީހުން ރުހުން ނުދިން ވަޒީރުންގެ ތެރެއިން އަލުން އެ މަގާމަށް އައްޔަން ކުރައްވާފައިވާ ބަންޑާރަ ނާއިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ. ނަމަވެސް ތިން ވަޒީރަކަށް ވޯޓު ލިބިވަޑައިގަތީ އެއަށްވުރެ މަދުންނެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުން، އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާ އެބޭފުޅުންނަށް ރުހުން ހޯދަން އަނެއްކާވެސް ރައްޔިތުން މަޖިލީހަށް ވަނީ ފޮނުވައިފައެވެ.

ރުހުން ނުލިބުނު ވަޒީރުން:

- ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި

- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި

- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ގާނޫނުއަސާސީގައި ވެސް އަދި އެހެން އެއްވެސް ގާނޫނެއްގައި ވެސް މަޖިލީހުން ރުހުން ނުލިބޭ ވަޒީރަކު ދެވަނަ ފަހަރަށް ހަމަ އެ މަގާމަށް އައްޔަން ނުކުރެވޭނެ ކަމަށް ބުނެފައި ނެތް ކަމަށެވެ.

"ގާނޫނުއަސާސީގައި ވެސް ނޯވޭ ރީއެޕޮއިންޓު ނުކުރެވޭނެ ވާހަކައެއް އެއްވެސް ގާނޫނެއްގައި ވެސް ނޯވޭ ރީއެޕޮއިންޓު ނުކުރެވޭނެ ވާހަކައެއް. ދެން އަޅުގަނޑުމެން ބަލަން ޖެހޭނީ މީގެކުރިން އަމަލު ކޮށްފައި އޮތް ގޮތަކީ ކޮބައިތޯ،" އުޝާމް ވިދާލުވިއެވެ.

އޭނާ ވިދާޅުވީ މީގެކުރިން ވެސް ރުހުން ނުދިނުމުން އަލުން އެ މަގާމުތަކަށް ހަމަ އެ ބޭފުޅުން އައްޔަން ކުރުމުން މަޖިލީހަށް ރުހުން ހޯދަން ފޮނުވާފައި އެބަހުރި ކަމަށާއި އަދި މަޖިލީހުން އެ ނަންތައް ބަލައިގަނެ ކޮމެޓީ އަށް ގެންގޮސް ކޮމެޓީން ފާސްކޮށް އަލުން ތަޅުމަށް ވެސް އެ ނަންތައް ފޮނުވާފައި އެބަހުރި ކަމަށެވެ.

އުޝާމްގެ ވާހަކަފުޅުގައި މީގެކުރިން 2010ވަނަ އަހަރު އޮތް އެމްޑީޕީ ސަރުކާރުގައި ވެސް މިފަދަ ކަމެއް ދިމާވި ކަމަށެވެ. އަދި މަޖިލީހުން އޭރުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ނުދިނުމުން އެ ސަރުކާރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް އެޑްވައިޒަރަކަށް އޭރު ހުންނެވީ ތުޅާދޫ ދާއިރާގެ މިހާރުގެ މެންބަރު ހިސާން ހުސައިން ކަމަށާއި އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނާއިބު ރިފްއަތު ވެސް އޭޖީ އޮފީހުގައި އޭރު މަސައްކަތް ކުރެއްވި ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭރު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެބޭފުޅުންގެ ސްޓޭންޑަކަށްވީ ރުހުން ނުދިން ނަމަވެސް އެ ވަޒީރުން މަގާމުން ވަކި ނުވާނެ ކަމަށެވެ. ނަމަވެސް ހާލަތު ބަދަލުވުމުން މިއަދު އެބޭފުޅުން އޭރު ނެގި ސްޓޭންޑް ވެސް ބަދަލުވެފައިވާ ކަމަށާއި އެކަމަކު އުޝާމް ވިދާޅުވީ އޭރުވެސް މިހާރުވެސް އޭނާގެ ސްޓޭންޑަކަށް ބަދަލު ނާންނަ ކަމަށެވެ.