ސޯޝަލް ހައުސިން ގޮތުގައި ދޫކުރާ ތަނެއް ބޭނުން ކުރަން ވާނީ އެތަނެއް ދޫކުރެވުނު ފަރާތަކުން ކަމަށާއި އެފަދަ ތަނެއް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފިއެވެ.

އިޖުތިމާއީ ބޯހިޔާވަހިކަމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މި ބިލުގައި ޖުމްލަ އަށް ބާބެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ސޯޝަލް ހައުސިން ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި ސޯޝަލް ހައުސިން ޕްރޮގްރާމް ހިންގުމުގެ އިތުރުން ހައުސިން ޔުނިޓް ހަވާލުކުރުމާއި ބޭނުންކުރުމުގެ ޝަރުތުތައް ހިމެނެއެވެ.

މި ބިލުގެ މަގުސަދެއް ކަމަށް ބުނެފައި ވަނީ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ދިރިއުޅޭނެ އެކަށިގެންވާ ތަނެއް ހޯދުމުގެ މާލީ ތަނަވަސްކަން ނެތް ދިވެހި ރައްޔިތުންނަށާއި އާއިލާތަކަށް ދެފުށް ފެންނަ ޖަވާބުދާރީކުރުވަނިވި ނިޒާމެއްގެ ދަށުން އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެގޮތުން މި ބިލުން މާލީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ދިރިއުޅޭނެ އެކަށީގެންވާ ތަންތަން ހަމަޖައްސައި ދިނުމަށްޓަކައި ސޯޝަލް ހައުސިން ޕްރޮގްރާމްތައް ހިންގުމާގުޅޭ އުސޫލުތަކާއި ހަމަތައް ކަނޑައަޅައި ދޭނެއެވެ.

އަދި ހަމައެއާއެކު ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްގީ ކުރެވޭ ތަންތަނުގައި ހުންނަން ޖެހޭ ވަސީލަތްތަކާއި މިންގަނޑުތައް އެ ބިލުން ކަނޑައަޅާ ދޭނެއެވެ.

އެ ބިލު ފާސްވުމުން ސަރުކާރުތަކުން ހިންގާ ސޯޝަލް ހައުސިން ސްކީމުތައް ކުރިޔަށް ގެންދަން ވާނީ އެ ބިލާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ބިލުގައި ބުނެފައި ވަނީ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ދިރިއުޅޭނެ ތަންތަން ދޫކުރެ ވޭނީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ކަމަށާއި ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ފަރާތްތަކަށް ކަމަށާއި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ކަމަށެވެ.

ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ދޫކުރާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގ ތެރެއިން ސޯޝަލް ހައުސިން އަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައެޅުމުގެ ގޮތުން އެ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމަށްޓަކައި އ ފަރާތުގެ މާލީ ހާލަތު ދެނެގަތުމަށް ވެރިފިކޭޝަނެއް ހަދަން ޖެހެއެވެ. އަދި އެފަރާތް ދިރިއުޅޭ ޙާލަތު ދެނެގަތުމަށްޓަކައި ވެރިފިކޭޝަން އަދި އިންސްޕެކްޝަނެއް ހަދަން ޖެހެއެވެ.

ސަރުކާރުން ދޫކުރާ ހައުސިން ޔުނިޓެއް ކުއްޔަށް ދިނުމަކީ މަނާ ކަމެއް ކަމަށް ބިލުގައި ބުނެފައިވާއިރު ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރާ ތަނެއްގެ ވަކި ބައެއް ކުއްޔަށް ދިނުން އެހެން ގާނޫނަކުން ހުއްދަކުރާ ނަމަ ސޯޝަލް ހައުސިން ޕްރޮގްރާމް ހިންގާ ފަރާތާއި ސޯޝަލް ހައުސިން ދޫކުރެވުނު ފަރާތާއެކު ވެވޭ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ހަމައެކަނި އެބައެއް ކުއްޔަށް ދެވިދާނެ ކަމަށް ބިލުގައިވެއެވެ.