ކުރީގެ ސަރުކާރުން އަމަލުކޮށްފައި އޮތް ގޮތުން ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެގޮތުން އެންމެ ބޮޑަށް ދަރާފައިވާ ސަރުކާރުގެ ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބ. ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ އަތޮޅު ތެރޭގައި މަޝްރޫއުތައް ހިންގަމުންދާ އާރްޑީސީ، އެމްޓީސީސީ، އަދި ފެނަކައިގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެކުންފުނިތަކުގެ ތެރެއިން އެންމެ ހާލަތު ދަށް ކުންފުންޏަކީ ފެނަކަ ކަމަށާއި އެ ކުންފުނި 4.2 ބިލިއަން ރުފިޔާ އިން ދަރާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ބޮޑަށް ދަރުވާލާފައި، އެންމެ ހާލުގައި އޮތް ކުންފުންޏަކީ ފެނަކަ. ދެން ހުރި ބައިވަރު ކުންފުނި އެބަހުރި އެކި ހާލަތުގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ފެނަކައަކީ ކަރަންޓާއި ފެނުގެ ހިދުމަތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދެމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުނިން ރާއްޖޭގެ 150 ވުރެ ގިނަ ރަށުގައި ކަަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ކުންފުނިތަކާއި މިނިސްޓްރީތަކުން ހިންގާފައިވާ މަޝްރޫއުތަކާ ގުޅިގެން އެކި ފަރާތްތަކަށް ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ އަދަދަކީ ނުވަ ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ދަރަނީގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ފެނަކައިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ.

ބ. ކެންދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން-- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ސަރުކާރުން މަޝްރޫއުތައް ހިންގާފައިވާ ގޮތާމެދު ކަންބޮޑުވުންފާޅު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ހަވާލުކުރި "ކޮންޓްރެކްޓަރު" ނޭނގޭ ހިސާބަކަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

"ސަބް ކޮންޓްރެކްޓު ވެސް ކޮށްފަ އޮންނަނީ މަލްޓި ފޯލްޑްކޮށް. ސަބް ކޮންޓްރެކްޓަރު އެހެން ސަބް ކޮންޓްރެކްޓަރަކަށް، އޭނަ އެހެން މީހަކަށް ސަބް ކޮންޓްރެކްޓް، ދެން އަސްލު ކޮންޓްރެކްޓަރު ވީތަނެއް ނޭނގޭ ހިސާބަށް ކަންތައްތައް ގޮއްސަ އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދުގައި ބުންވަރު ޖައްސައި، ރާއްޖެއަށް އިތުރު އިންވެންސްޓަރުންގެ އިތުބާރު ލިބޭނެ ގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް މިއަދު ވަޑައިގެންނެވި ކެންދޫއަކީ އެމަނިކުފާނު މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކައިރިވެފައިވަނިކޮށް، ސަރުކާރުގެ ރަސްމީ ދަތުރުގެ ގޮތުގައި ރައީސް މުއިއްޒު މިހާތަނަށް ވަނީ 11 އަތޮޅަކަށް ވަޑައިގެންފައެވެ. އެއީ އައްޑޫ، ފުވައްމުލައް، އަދި ގދ، ގއ، ތ، ހއ، ހދ، ށ، ނ، ރ އަތޮޅުގެ އިތުރުން ބ. އަތޮޅަށް ވަޑައިގެންފައެވެ.