ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. ކެނދިކުޅުދޫ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން، އެރަށުގައި ބޭއްވި ޖަލްސާއެއްގައި އެ ދާއިރާ އަށް ކުރިމަތިލައްވާ ޕީޕީއެމް / ޕީއެންސީގެ މަޖިލިސް ކެންޑިޑޭޓަށް ކެމްޕެއިން ކުރި ކަމަށް ބުނެ ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލް ކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި ނަމަވެސް އެކަން ނުކުރަން އެކައުންސިލުން ނިންމައިފިއެވެ.
ކެނދިކުޅުދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ރައީސް މުއިއްޒު އެރަށަށް ވަޑައިގެންނެވިއިރު އެ ދަތުރުގެ ހުރިހާ ކަމެއް އިންތިޒާމު ކުރީ އެ ކައުންސިލުން ކަމަށެވެ. އަދި އެރަށުގައި ބޭއްވި ޖަލްސާ އަކީ ވެސް އެ ކައުންސިލުން އިންތިޒާމު ކޮށްގެން ބޭއްވި ޖަލްސާއެއް ކަމަށް ބުންޏެވެ.
ނަމަވެސް ޖަލްސާގެ ވަކި ހިސާބަކުން ރައީސް ދައްކަވަމުން ގެންދެވި ވާހަކައިގެ މިސްރާބު ބަދަލުވެގެން ދިޔަ ކަމަށާއި އަދި ރައީސް މުއިއްޒު އެޕާޓީއެއްގެ ރައީސްކަން ކުރައްވާ ޕީއެންސީގެ މަޖިލިސް ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވާހަކަދެއްކެވި ކަމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެލްޖީއޭ އިން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެެއްވެސް ފަރާތަކުން އަމަލުތައް ބެލެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
އެލްޖީއޭގެ ބަޔާނުގައި ކައުންސިލަރުން އެ ކައުންސިލަރުންގެ ވާޖިބުތައް އަދާ ކުރުމުގައި އެހެން ފަރާތްތަކުގެ އިއްޒަތަށާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒުގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅިގައި ހަގީގަތާއި ހިލާފު އިލްޒާމު ކެނދިކުޅުދޫ ކައުންސިލުން އެޅުވުމަކީ ކުށްވެރިކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލްކޮށް އެކަން މާދަމާގެ މެންދުރު 14:00ގެ ކުރިން އެ އޮތޯރިޓީ އަށް އެންގުމަށް ބަޔާނުގައިވެއެވެ.
އެލްޖީއޭ އިން އެގޮތަށް އެންގި ނަމަވެސް ކެނދިކުޅުދޫ ކައުންސިލުން އެގޮތަށް އަމަލު ކޮށްފައެއް ނުވެއެވެ. ބަދަލުގައި އެލްޖީއޭގެ ސިޓީ އަށް ރައްދުދީ ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ އެކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލް ކުރަން އެލްޖީއޭއިން އެންގި ނަމަވެސް އެ ބަޔާން ބާތިލް ކުރަން ޖެހޭ ސަބަބެއް ނުދެއްކޭ ކަމަށެވެ.
އެލްޖީއޭގެ ބަޔާނުގައި ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ސޮއި ކޮށްފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ. އެހެންނަމަވެސް އެހެން ބައެއް ދައުލަތުގެ އިދާރާތަކުން ނެރޭ ބަޔާންތަކުގައި ވެސް ސޮއި ނުހުންނަ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ބަޔާނުގައިވެއެވެ. އަދި ބުނީ ސަރުކާރުތަކުން ކުރާ ކަންކަމަށް ކައުންސިލްތަކަށް ބަޔާން ނެރެވޭނެ ކަމަށެވެ.