ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން އޮތީ ރޭޕް ކޮށްފައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅު ކެންދޫ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ ކޯޕަރޭޝަންގައި 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ.
ފެނަކަ ކޯޕަރޭޝަނާ އާ ސަރުކާރު ހަވާލުވިއިރު އެ ކުންފުނި އޮތީ ބަނގުރޫޓުވެފައި ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބެމުން ދަނީ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ކަމަށެވެ. ހަމައެކަނި މުސާރަ ދިނުމަށްޓަކައި ކޮންމެ މަހަކުވެސް 86 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.
"މީގެކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން މިއޮތީ ރޭޕް ކޮށްފައި. ހަމަ ރޭޕް ކޮށްފައި މިއޮތީ. ފެނަކަ ކޯޕަރޭޝަނުން ތިޔަ ބޭފުޅުންނަށް ހަމަ ވަރަށް ސާފުކޮށް އަޑު އިވިގެން ދާނެ ކޮރަޕްޝަން ވަރަށް ފަސޭހައިން އަންނާނެ ކޮރަޕްޝަން.... ފެނަކަ ކޯޕަރޭޝަންގެ ސްޓާފުންނަކީ އެއްވެސް ގޮތަކަށް ޒިންމާދާރު ކަމެއް ނެތި އުޅޭ ސްޓާފުންގެ ގޮތުގައި ލޭބަލް ވެފައި މިއޮތީ މިހާތަނަށް،" މުއާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތީ ކުންފުނިތަކުގައި އޮތް އެފަދަ ހާލަތްތައް ބަދަލު ކުރަން ކަމަށާއި ފެނަކަ ކޯޕަރޭޝަންގައި އޮތް އެ ހާލަތު ބަދަލު ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.
"ކުންފުނީގައި މިވަގުތު 502 ޖެންސެޓު އެބަ ބޭނުން ކުރަން ރާއްޖޭގެ އެކި ހިސާބުތަކުގައި. މި ޖެންސެޓުތަކުގެ ތެރެއިން 302 ޖެންސެޓު މިވަގުތު ޓޮޕް އޯވަހޯލް ނުކޮށް ބޭނުން ނުކުރެވޭ ވަރަށް އެހުރީ ހަލާކުވެފައި،" މުއާޒު ވިދާޅުވިއެވެ.
މުއާޒުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން ޖެންސެޓުތަކުގެ މެއިންޓަނަންސް އަށް އެއްވެސް ހަރަދެއް ކޮށްފައި ނުވާކަން ފާހަގަކުރެއްވިއެވެ. އޭގެ ސަބަބު ސާފު ކޮށްދެއްވަމުން މުއާޒު ވިދާޅުވީ އެކަން ކޮށްފައި ވަނީ ޖެންސެޓުތައް ހުސްވުމުން އެތަކެތި ގަނެ ބޮޑު ވިޔަފާރިއަކަށް އެކަން ހެދުން ކަމަށެވެ.
"އެހެންވީމަ 2022 އަދި 2023ގައި 90 ޖެންސެޓު ފެނަކައަށް ގަނެފައި އެބަހުރި ހިސާބުތަކުން ފެންނަން. އެކަމަކު އަޅުގަނޑުމެންގެ ހާލަތެއް ބަދަލެއް ނާދޭ. ހާލަތަކަށް ބަދަލެއް ނައި. ހުރިހާ ޖެންސެޓުތަކެއް ހަލާކުވެފައި ހުރީ،" މުއާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މެއިންޓަނަންސް އަށް ހަރަދެއް ނުކުރި ނަމަވެސް ކޮންމެ އަހަރަކުވެސް 100 މިލިއަން ރުފިޔާ އެކަމަށް ބަޖެޓުން ހޭދަ ކުރާ ކަމަށެވެ.