ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް އޮޕަރޭޝަނަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތަކާއި މެދު ސްޓޭކް ހޯލްޑަރުންނާއި އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަޝްވަރާ ފަށައިފިއެވެ.
އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލްގެ އޮޕަރޭޝަންސްގެ ފެށުމުގެ ގޮތުން، އިއްޔެ ހުޅުލެ އައިލަންޑް ހޮޓަލުގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ވީއައިއޭގައި ހިދުމަތް ފޯރިކޮށްދެމުން އަންނަ ފަރާތްތަކާއި ބައްދަލު ކޮށްފައިވާ ކަމަށެވެ.
އިއްޔެގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އާ ޓާމިނަލަށް އޮޕަރޭޝަންސް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. އަދި އާ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ހިދުމަތް ދޭ ސްޓޭކް ހޯލްޑަރުންގެ އެއްބާރުލުން މުހިއްމު ވާނެ ކަމަށެވެ.
"އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ހިދުމަތްދޭ ފަރާތްތައް ހިމެނޭ ހާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ." ޝަރީފް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޖަލީލްގެ އިތުރުން އިމިގްރޭޝަންސްގެ އޮފިސަރުންނާއި، ކަސްޓަމްސް އޮފިސަރުންނާއި، އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން އެއާޕޯޓުގައި ހިދުމަތް ދެމުންގެންދާ ރިޒޯޓްތަކުން ބައިވެރިވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ މުހިއްމު މަސައްކަތެކެވެ. އެ މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި، ވީއައިޕީ އިމާރާތަކާއި، ކާގޯ ޓާމިނަލަކާއި، ފިއުލް ފާމެއްގެ އިތުރުން ފަޔާ ސްޓޭޝަނެއްވެސް ވަނީ ގާއިމް ކުރެވިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ