ކެއާ ސޮސައިޓީ އަށް 25 އަހަރު ފުރުމާއި ގުޅިގެން، އެތަނުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ.

މިދިޔަ މަހުގެ 29ވަނަ ދުވަހު ކެއާ ސޮސައިޓީގެ 25ވަނަ އަހަރީ އާއްމު ޖަލްސާ ވަނީ ބާއްވައިފައެވެ. އެ ޖަލްސާގައި ކެއާ ސޮސައިޓީގެ ބޯޑުގެ އެގްޒެކްޓިވް ބޯޑްގެ ޗެއަރޕާރން، އިސްމާއިލް އަދުހަމް، މުހިއްމު ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9ވަނަ ދުވަހު 25 އަހަރު ކެއާ ސޮސައިޓީ އަށް ފުރިފައި ވާތީ 25 އަހަރުގެ ދިގު ދަތުރު އާއްމުންނާ ހިއްސާކުރުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގޭނެ ކަމަށް އަދުހަމް ވަނީ ފާހަގަކުރައްވާފައެވެ. އަދި 25 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން ވެސް އިއުލާން ކުރެއްވިއެވެ.

މީގެއިތުރުން އަދުހަމް ވަނީ ކެއާ ސޮސައިޓީގެ ހިދުމަތްތައް މައިގަނޑު 3 ދާއިރާއަކަށް ބަހާލެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފުރަތަމަ ކަމަކީ ކުދިންގެ ޅަފަތުގައި އާލީ އައިޑެންޓިފިކޭޝަން އަދި އާލީ އިންޓަވެންޝަން ފޯރުކޮށްދިނުމެވެ. މިއީ ކެއާ ސޮސައިޓީއިން އެންމެ މުހިއްމު ކަމެއްދޭ ޕްރޮގްރާމް ކަމަށާއި އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެ ޕްރޮގްރާމަށް އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ ސްކޫލް ނިންމާ ކުދިންނަށް އާމްދަނީ ހޯދޭނެ ގޮތެއް ނުވަތަ ވަޒީފާއަށް ނެރުމަށް ހިންގޭ ޕްރޮގްރާމް. ތިންވަނަ ކަމަކީ ތެރަޕީ އަދި ރިހެބިލިޓޭޝަން ހިދުމަތުގެ މުހިއްމު ކަމާއި މި ހިދުމަތް ފެށުމަށް ކެއާ ސޮސައިޓީއިން ކުރަމުންދާ މަސައްކަތްތައް،" އަދުހަމް ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ކެއާ ސޮސައިޓީގެ ހިދުމަތްތައް ދިނުމަށް މިހާރު ހުޅުމާލޭ ފޭސް ދޭއްގައި ދޭން ފެށުމަކީ އެ ޖަމްއިއްޔާގެ ހިދުމަތްތައް މާލެ ނޫން އެހެން ސަރަހައްދުތަކުގައި ދިނުމަށް އެ ޖަމިއްޔާ އިން ދެކެމުންދާ ހުވަފެންތަކުގެ ފެށުންކަން އަދުހަމް ވިދާޅުވިއެވެ. އަދި އެ ފެށުމާއި އެކު އިތުރު ސަރަހައްދުތަކުގެ އެ ހިދުމަތް ފުޅާކުރުމަށް އެ ޖަމިއްޔާ އިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއި އެކު އެއް ފުރާޅެއްގެ ދަށުން ތަފާތު ހިދުމަތްތައް ލިބޭނެ ގޮތަކަށް މަރުކަޒެއް ހެދުމުގެ ކޮންސެޕްޓް ކުރިއަށް ދާކަން ފާހަގަކުރެއްވިއެވެ.

"އިރާދަ ކުރެއްވިއްޔާ ކެއާ ސޮސައިޓީ އިން މަސައްކަތް ކުރަމުން މިގެންދަނީ ހެނދުނު ކުއްޖާ ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރުމަށް ފަހު މެންދުރު ފަހު ކުއްޖާ ގެއަށް ފޮނުވޭގޮތަށް ޚިދުމަތް ރެވޭތޯ. މިހެން ރޭވިއްޖެނަމަ ކުއްޖާއަށް ބޭނުންވާ ތެރަޕީ، ތަޢުލީމު، ވޮކެޝަނަލް ޕްރޮގްރާމް އަދި ޑޭ ކެއާ ގެ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ. މިއީ ބެލެނިވެރިންނަށް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމެއް" އަދުހަމް ވިދާޅުވިއެވެ.