ޔުނީފޯމް އަޅައިގެން ވެސް އަދި ޔުނީފޯމް ނާޅާ ވެސް ރާއްޖޭގައި އިންޑިއާ ސިފައިން މެއި 10ގެ ފަހުން ނުތިބޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އޭދަފުއްޓަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަން އޮޅުވާލާ ދޮގު ހަދައިގެން ރައްޔިތުންނާއި ހަމައަށް ބައެއް މީހުން ގެނެސް ދެމުން އަންނަ ކަމަށެވެ.

އޭގެތެރެއިން އެއް ކަމަކީ އިންޑިއާ ސިފައިން ބޭލުމަށް ސަރުކާރުން ކުރާ މަސައްކަތް ކަމަށާއި އެކަމުގައި ވެސް ރައްޔިތުންނަށް އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން އަންނަ ކަމަށެވެ.

ސަރުކާރާ އިންޑިއާ ސަރުކާރާއެކު ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި ވަނީ ހެލިކޮޕްޓަރާއި ޑޯނިޔާ މަތިންދާ ބޯޓު ދުއްވަން އައިސް ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ގެންދިއުމަށްފަހު ސިވިލިއަނުން އެ އުޅަނދުތައް ދުއްވަން ފޮނުވުމަށެވެ.

ރައީސް މުއިއްޒު އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ އެކަމުގައި ވެސް އޮޅުވާލައިގެން ވާހަކަދައްކަމުން ގެންދާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެވާހަކަ އޮޅުވާލުމުގެ ގޮތުން އިންޑިއާ ސިފައިން ފައިބަނީ ނޫން ކަމަށާއި އެމީހުން ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީ ކަމަށް ބުނަމުން އަންނަ ކަމަށެވެ.

"ދިހައެއް މެއި އަންނަ އިރު ނުތިބޭނެ ރާއްޖޭގައި އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމް ގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައި އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ. އެކަން ޔަގީންކަމާ އެކު ދަންނަވަން" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސްގެ ވައުދެކެވެ. އެއާއެކު ރާއްޖޭގެ ހަގީގީ މިނިވަންކަން ކަށަވަރު ކުރުމަކީ އެ މަނިކުފާނު އެންމެ އިސްކަމެއް ދީގެން ކުރާ އެއް ކަންތައް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަލުން ހޯދަން ކުރާ މަސައްކަތް ވެސް ކާމިޔާބު ވާނެ ކަމަށާއި އެކަން ލަސް ވަނީ ކަން ކޮށްފައި އޮތް ގޯސް ކަމުން ކަމަށް ވިދާޅުވެފައެވެ.