ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމާ ބެހޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލަފާދިނުމުގައި ބަލާނީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަރާރުންނުވާނެ ގޮތަކަށް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދެ ވަނަ ފަހަރަށް ފާސްކުރުމުން އެ ބިލް ތަސްދީގު ކުރެއްވުން ލާޒިމު ވާއިރު، އެކަން ނުކުރައްވައި ބަންޑާރަ ނައިބުގެ ލަފައެއް ހޯއްދަވަން ރައީސް މުއިއްޒު ހުށަހެޅުއްވީ މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ކަމަށް ވިދާޅުވެ އެވެ.

އުޝާމްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބާރުތަކުގެ މެދުގައި އަބަދު އަރާރުންވުމަކީ ރަގަޅު ކަމެއް ނޫން ކަމަށެވެ.

"ހުރިހާ ފަރާތްތަކުން ވެސް ކަންކަން ނިންމަންވާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން، އަޅުގަނޑު ރައީސްއަށް ގާނޫނީ ލަފާ ދިނުމުގައިވެސް ބަލާނީ މިކަން ކަމަށް." ބަންޑާރަ ނައިބު ލިޔުއްވާފައިވެ އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ. އަދި މިފަދަ ބިލެއް ތަސްދީގުކުރުން ލަސްކުރުން މަނާކުރާ ސުޕްރީމް ކޯޓުގެ ހުކުމެއް އެބަ އޮތެވެ.

މި އަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގައި ކަމަށްވާއިރު، އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.

ނަމަވެސް މަޖިލީހުން ފެބްރުއަރީ 11، ގައި ފާސްކުރީ ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށެވެ.