ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާއި ގުޅިގެން، މަޖިލީހުން އެގޮތަށް ފާސްކުރި ފަހުން ނިންމި ނިންމުންތަކާއި ގުޅޭ ގޮތުން ބަންޑާރަ ނާއިބުގެ ލަފާ ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުން ފާސްކުރި ފަހުން ނިންމާފައިވާ އެންމެ ބޮޑު ނިންމުމަކަށް ނިންމާފައި ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް އިއްޔެ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.

"މި ކަމުގައި ބަންޑާރަ ނައިބު އަޅުގަނޑަށް ގާނޫނީ ލަފައެއް ދެއްވީމާ އަޅުގަނޑު ކުރިއަށް ދާނަން. އެއީ އެތައް ރައްޔިތުންނެއްގެ ހައްގެއް މީގައި އެކުލެވޭ. އަޅުގަނޑު ވަރަށް ސަމާލުކަން ދޭން ބޭނުން އަބަދުވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން،" އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް ބަންޑާރަ ނާއިބުގެ ލަފާ ލިބޭ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާ ގޮތަކީ 80 މެންބަރުން ކަމަށް ލަފާ ލިބިއްޖެ ނަމަ ބިލު ތަސްދީގު ކުރައްވާނެ ކަމަށެވެ.

"ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން, 80 މެމްބަރުންނަކީ މަޖިލީހުގެ އަދަދު ނޫން ކަމާ އަސްލު އޮންނަ 87 ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަށް އެއީ ތަސްދީގު ކުރަން ޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖިއްޔާ ވަގުތުން ތަސްދީގު ކޮށްލާނަން," ރައީސް މުއިއްޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވަނޫ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަބިއްޔަތު ހިމަނާފައި ވަނީ އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.

ހުކުމުގައިވަނީ ގާނޫނު އަސާސީގެ ގާނޫނު އަސާސީގެ އުސޫލީ ކަންކަން މަދު ބަޔަކު ނޫނީ މަދު ސިޔާސީ ޖަމާއަތެއްގެ މަސްލަހަތުގައި ނިންމުމުގެ ފުރުސަތު ނުދިނުމަށް އަޅާފައިވާ ހިމާޔަތެއް ކަމަށެވެ.

"ހުސް ގޮނޑިތައް އެއީ ނެތް ދާއިރާތައް ކަމަށް ބަލާނަމަ، އެ ކަން ވާނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެ ހިމާޔަތުގެ ފަށަލަ ތުނިވެގެން ދާނެ ކަމެއް،" ހުކުމުގައިވެ އެވެ.

އެހެންނަމަވެސް، ޖުމުލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.