ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު ރޯދައިގެ ކުރިން ބާއްވައި ދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް އެކަން އެގޮތަށް ކުރުމަށް އެމްޑީޕީން ބޭނުން ނުވީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ތަސްދީގު ނުކުރައްވައި، ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިލެއްމުން ދެ ވަނަ ފަހަރަށް އެ ބިލް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސް ކޮށްފައެވެ.
ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުން ބިލް ފާސްކުރާތާ ހަތް ދުވަސް ތެރޭގައި އެ ބިލް ތަސްދީގު ކުރުމަށް ރައީސަށް ފޮނުވަން ޖެހެ އެވެ. އެ ބިލް ރައީސަށް ލިބިވަޑައިގަންނަވާތާ 15 ދުވަސް ތެރޭގައި ތަސްދީގު ކުރަން ވާނެ އެވެ. ތަސްދީގު ނުކުރައްވާ ނަމަ 15 ދުވަސް ތެރޭގައި މަޖިލީހަށް ބިލް އަނބުރާ ފޮނުވާލަން ޖެހެ އެވެ.
ރައީސް މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ވެސް މަޖިލީހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އަދި 15 ދުވަސް ތެރޭގައި ތަސްދީގު ނުކުރެއްވިޔަސް ތަސްދީގު ކުރީ ކަމަށް ބެލެވޭނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެހެންކަމުން 15 ދުވަހުގެ މުއްދަތު އިންތިހާބުގެ ކުރިން ހަމަވާނެތީ މި ބިލާ އެކު އިންތިހާބު ފަސްކުރަން ޖެހޭނެ އެވެ.
އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ރޯދަމަސް ތެރޭގައި އިންތިހާބު ނުބާއްވާ އޭގެކުރިން އިންތިހާބު ބާއްވައި ދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެކަން ކުރުމަށް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބޭނުން ނުވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީން ބުނަމުން ދަނީ ރޯދަ ތެރޭގައި އިންތިހާބު ބާއްވަން ބޭނުން ނުވީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިވާނެތީ ކަމަށް ބުނަމުން އަންނަ ކަމަށެވެ. ނަމަވެސް ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ބޭނުން ނުވި ސަބަބު ވެސް ސާފު ކޮށްދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ތާރީހާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ނުރަސްމީކޮށް އެމަނިކުފާނާ މަޝްވަރާ ކުރުމުން އޭގެ ކުރިން އިންތިހާބު ބާއްވައި ދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ. ރޯދައިގެ އެއް ދުވަސް ކުރިން ނަމަވެސް އިންތިހާބު ބާއްވައި ދިނުމަށް އެދިވަޑައިގެންނެވި ކަމަށާއި އަދި އިލެކްޝަނުން އެކަން މަޖިލީހަށް އެންގި ކަމަށެވެ.
"އަބަދުވެސް މި އިވެނީ ރޯދައިގެ ތެރޭގައި ބޭއްވީމަ ރައްޔިތުންނަށް އުނދަގޫވާނެއޭ. އެހެންވީމަ ކީއްވެތޯ އަވަސްކޮށްލަ ނުދިނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ސިފަ ކުރެއްވި ގޮތުގައި ރޯދައިގެ ކުރިން އިންތިހާބު ނުބާއްވާން އެމްޑީޕީ އުޅުނީ އެކަމުގައި އަޑި ނޭނގޭ ކޮންމެވެސް ސިއްރުތަކެއް ހުރުމުންނެވެ.
އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.