ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމުލަ އަދަދުތައް ގުނާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ސަރުކާރުން މި މައްސަލަ ކޯޓަށް ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ އަދަދު 87 އިން 80 އަށް ތިރިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އެމްޑީޕީގެ ބާރުގައި އޮތް މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކުން، ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާއި އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލު ގެނަ އެވެ.
ގަވާއިދަށް ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އެހެންވެ، ޖުމުލަ މެންބަރުންގެ ގޮތުގައި 87 މެންބަރުން ތިބި ކަމަށް ބެލުމުގެ ބަދަލުގައި 80 މެމްބަރުންނަށް ތިރިވީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނޫ ގާނޫނު އަސާސީގައި ވަކި ކަންކަން ނިންމަން އެކި އަދަދުތަކުގެ އަގުލަބިއްޔަތު ހިމަނާފައި ވަނީ އުސޫލީ ބޮޑެތި ކަންކަން މަދު ބަޔަކު ތިބެގެން ނިންމުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ.
ހުކުމުގައިވަނީ ގާނޫނު އަސާސީގެ ގާނޫނު އަސާސީގެ އުސޫލީ ކަންކަން މަދު ބަޔަކު ނޫނީ މަދު ސިޔާސީ ޖަމާއަތެއްގެ މަސްލަހަތުގައި ނިންމުމުގެ ފުރުސަތު ނުދިނުމަށް އަޅާފައިވާ ހިމާޔަތެއް ކަމަށެވެ.
"ހުސް ގޮނޑިތައް އެއީ ނެތް ދާއިރާތައް ކަމަށް ބަލާނަމަ، އެ ކަން ވާނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އެ ހިމާޔަތުގެ ފަށަލަ ތުނިވގެން ދާނެ ކަމެއް،" ހުކުމުގައިވެ އެވެ.
އެހެންނަމަވެސް، ޖުމުލަ މެންބަރުން ގުނާ ގޮތް ބަދަލުކޮށް ރައްޔިތުންގެ މަޖިލީހަށް ގެނައި ގަވާއިދުގެ މާއްދާތައް އެ މަޖިލީހުން މިހާރު ބާތިލުކޮށްފައިވާތީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ގާނޫނީ ހައްލެއް އެ ކޯޓުން ހޯދައިދެވެން ނެތް ކަމަށް ކޯޓުން ކަނޑައެޅި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި، ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މި ދުސްތޫރީ މައްސާލަގައި ސަރުކާރުން އެދިގެން، ސުޕްރީމް ކޯޓުން ވަނީ މަޖިލީހުގެ ގަވާއިދުގެ މާއްދާތަަކަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވާފަ އެވެ. އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ އަމުރަށް އަމަލުނުކުރަން ފާސްކޮށްފަ އެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު އަދަދު ގުނާނީ އެ ވަގުތެއްގައި ދެމިތިބި މެންބަރުން ގޮތަށް އޮތް ނަމަވެސް މައްސަލަ ހުށަހެޅި ފަހުން ވެސް މަޖިލީހުން ބަދަލެއް ގެނަ އެވެ. ފަހުން ގެނައި ބަދަލަކީ އެ ގޮތަށް އަދަދު ގުނާނީ ދެން އޮންނަ މަޖިލިސް އިންތިހާބާ ދެމެދު ހަ މަހަށް ވުރެ ކުރު މުއްދަތަކަށް ވުމުންނެވެ. ގާނޫނު އަސާސީގައި ވެސް އެ މުއްދަތުގައި ގޮނޑިއެއް ހުސްވިޔަސް ބައި-އިލެކްޝަން ނުބާއްވަން އޮވެ އެވެ.
މިއާ ގުޅިގެން މަޖިލީހުގައި ކަންކަން ފާސްކުރަން ކަނޑައަޅާފައިވާ އަގުލަބިއްޔަތުގެ މިންވަރުތަކަށް ބަދަލު އައިސް ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވި އެވެ. މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 57 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.