ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ނެގެހެއްޓުމަށް އެންމެ ގަދައަށް މަސައްކަތް ކުރާނެ ގޮނޑިއަކަށް ބާރަށު ދާއިރާގެ ގޮނޑި ވެގެން ދާނެ ކަމަށް އެ ދާއިރާ އަށް ސަރުކާރުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި އިއްޔެ ވިދާޅުވީ މަޖިލީހުގައި ބާރަށު ދާއިރާގެ މައިކް ވެގެން ދާނީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި އެންމެ އަޑު ހަރުކޮށް ވަކާލާތު ކުރާނެ މައިކަށް ކަމަށެވެ.

"ރައީސް މުއިއްޒުގެ ވައުދުތައް ފުއްދުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އައު ގާނޫނުތައް ވުޖޫދު ކުރުމަށް ކުރެވޭ އެންމެހައި ބަހުސްތަކުގައި ބާރަށު ދާއިރާގެ މައިކް އަބަދުވެސް ދިއްލިފައި ހުންނާނެ،" 18ވަނަ މަޖިލީހުގައިވެސް ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި މިހާރު ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިފަދައިން ވިދާޅުވިއިރު ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ބާރަށު ދާއިރާ އަށް ވާދަކުރައްވާ އިބްރާހީމް ޝުޖާއު މަޖިލީހަށް އިންތިހާބު ކޮށްދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މުއިއްޒު ވަނީ ޝުޖާ ބާރަށު ދާއިރާ އަށް އިންތިހާބު ކޮށްދެއްވުމަށް އެދި އެރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެން، ވީޑިއޯ މެސެޖެއް ދެއްވައިފައެވެ.

އެ މެސެޖުގައި ރައީސް މުއިއްޒު ވިދާޅުވީ ޝުޖާ އަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކެންޑިޑޭޓު ކަމަށާއި އެކަމަށް ޝައްކު ނުކުރެއްވުމަށެވެ. ރައީސް ވިދާޅުވީ ބާރަށު ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ކުރަން ހުރި މަސައްކަތްތަކާއި އަދިވެސް މަޖިލިސް ތެރެއިން ކުރުމަށް ހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް ޝުޖާއަކީ ވަރަށް މުހިއްމު ބޭފުޅެއް ކަމަށެވެ.