ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީ ނޫން އެހެން ޕާޓީއަކަށް މެންބަރަކު ބަދަލުވެއްޖެ ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލެއް ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހަޅައިފިއެވެ.

އިދިކޮޅު އެމްޑީޕީން އެ ބިލު ހުށަހެޅި ނަމަވެސް އެ ބިލު މަޖިލީހުގެ ފްލޯ އަށް ގެނައުމުގައި ދަތިތަކެއް ހުރި ކަމަށް އެޕާޓީން މިއަދު މަޖިލިސް އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީން ހުށަހެޅި އެ ބިލުގައި ޓިކެޓު ލިބުނު ޕާޓީން މަޖިލީހަށް އިންތިހާބުވެ، ފަހުން އެހެން ޕާޓީއަކަށް އެ މެންބަރަކު ބަދަލުވެއްޖެ ނަމަ، އެ މެންބަރަކު ގޮނޑިން އިސްތިއުފާ ދެއްވަން ޖެހޭނެއެވެ. އަދި މެންބަރަކާއި މެދު ޕާޓީން ފިޔަވަޅު އަޅައިގެން އެ މެންބަރަކު ވަކި ކުރަން ޕާޓީން ނިންމައިފި ނަމަ އެ ދާއިރާއެއްގެ ވޯޓު އަލުން ނަގަން އިލެކްޝަންސް ކޮމިޝަނުން ޖެހޭނެއެވެ.

އެ ކަން ހުއްޓުވަން ރާއްޖޭގައި އަލަށް ގާނޫނެއް ހެދީ 2018 ވަނަ އަހަރު އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނުގެ ނަމުގައި އޭރު މަޖިލީހުން ފާސްކުރި ގާނޫނަކީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ މެމްބަރުންތަކެއް އެ ޕާޓީން ވަކިވާން ފެށުމުން އެ ބޭފުޅުންގެ ގައިގައި ކަސްތޮޅު އަޅުވަން ހެދި ގާނޫނެއް ކަމަށް ސިފަކުރީ އިދިކޮޅުގައި އޮތް އެމްޑީޕީންނެވެ. ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި މަޖިލީހުން އެ ގާނޫނު އުވާލީ އެއީ ގާނޫނު އަސާސީއާ ހިލާފް އެއްޗެއް ކަމަށް ބުނެ އެވެ.

ނަމަވެސް މިއަދު އެމްޑީޕީން އަލުން އެ މަސައްކަތް ފަށާފައި މިވަނީ އެމްޑީޕީގެ 13 މެމްބަރުން އެ ޕާޓީން ވަކިވެ ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމުންނެވެ.