ރައްޔިތުން ގާތުގައި ރިޔާސީ އިންތިހާބުގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ މެޖޯރިޓީ އެއް އޮންނަ ރައްޔިތުންގެ މަޖިލީހެއް ބޭނުންވާ ކަމަށާއި ސަރުކާރުގެ މެޖޯރިޓީއެއް ނެތް މަޖިލީހެއް އޮތުމުން ކުރިމަތިވާ ދަތިތައް މިހާރުވެސް ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގެމަނަފުއްޓަށް މިއަދު ވަޑައިގެން އެރަށު ރައްުޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަހަރުގެ އެމަނިކުފާނުގެ ސަރުކާރާ މިފަހަރު ހަވާލުވި ބަޖެޓަކީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެގެން ހެދި ބަޖެޓެއް ނޫން ކަމަށެވެ. އެ ބަޖެޓަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އާ ސަރުކާރަށް ބަޖެޓެއް ހެދުމަށް ދިނީ 10 ވަރަކަށް ދުވަސް ކަމަށާއި އެމަދު ދުވަސްކޮޅުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވި ގިނަ މަޝްރޫއުތަކަށް ފައިސާ ހިމެނުނު ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަނދުމަފުޅު ހުންނާނެ، ރަސްމާލެ ހިއްކަން ޖެހި ފައިސާ އެއްކޮށް އުނިކޮށްލީ. އެއީވެސް މިސާލެއް ދަންނަވަން. މި ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ކޮންޓްރޯލްގައި، އަޅުގަނޑުމެން ބޭނުންވި ގޮތަށް މަޝްރޫއު ހިންގާ ގޮތަކަށް ނޫނޭ ބަޖެޓް ފާސްވެފައި އެއޮތީ. މިހެން މި ދަންނަވަނީ، މަޖިލީހުގެ މުހިންމުކަމުގެ ވާހަކަ ދަންނަވަންވެގެން. ސަރުކާރަށް ތާއީދުކުރާ މެންބަރުންތަކެއް ތިބި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާނެ، ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއްގެ މެޖޯރިޓީ އޮންނަ މަޖިލީހެއް ބޭނުންވާނެ ކަމުގެ މުހިންމުކަން ދަންނަވަން ވެގެން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ރައީސް މުއިއްޒު މިއަދު ވަނީ،، މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ ހުރިހާ ރައްޔިތުން ވެސް މި އަންނަ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.