މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން ކޫއްޑޫގައި މުޒާހަރާ ކުރަމުން އަންނާތީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ހަފްތާއެއްހާ ދުވަހުގެ ފައިސާ މަސްވެރިންނަށް މިފްކޯ އިން ދޫކޮށްފިއެވެ.
މިފްކޯ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ކޫއްޑޫގައި މުޒާހަރާ ކުރަމުން އަންނަ މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މިފްކޯގެ ސީއީއޯ އާއި މެނޭޖުމަންޓު ޓީމުން އަޑު އަހާފައިވާ ކަމަށެވެ. އަދި މަސްވެރިން ތަހައްމަލު ކުރަމުން އަންނަ މޮޅިވެރިކަމަށް ނިމުން ގެނައުމަށް މިފްކޯ އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިފްކޯގެ ބަޔާނުގައި ވަނީ މަސް އޮޑި ފަހަރަށް ދޭންޖެހޭ ފައިސާ ދޫކުރުމުގެ ހައްލު ހޯދައި ދިނުމަށް ކަމާބެހޭ ވުޒާރާތަކާއި މަސްވެރިން ހިމެނޭ ގޮތަށް ގުޅިގެން މިފްކޯގެ މެނޭޖުމަންޓް ޓީމުން މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
"އަދި ކޫއްޑޫގައި ބޭއްވުނު ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ފަދައިން މަސްވެރިންނަށް ފައިސާ ދޫކުރާނެ ގޮތުގެ ތަފްސީލުތައް ހިއްސާ ކޮށްފައިވާ ގޮތަށް މިއަދުން ފެށިގެން ފައިސާ ދޫކުރުމުގެ ޕްރޮސެސް ކުރިޔަށްދާކަން ފާހަގަކުރަމެވެ،" މިފްކޯގެ ބަޔާނުގައިވެއެވެ.
ވޭތުވެދިޔަ ދެ މަހު، މަސްވެރިން މިފްކޯއަށް ކިރުވި މަހަށްވާ 298 މިލިއަން ރުފިޔާ އަންނަ މަހުގެ 5ގެ ކުރިން ދިނުމަށް ސަރުކާރުން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދާއި މަސްވެރިންނާ އެކު، މިއަދު މެންދުރުފަހު ކޫއްޑޫގައި ކުރި މަޝްވަރާތަކުުގައި އެއްބަސްވެފައި ވަނީ މަސްވެރިންނަށް 119 މިލިއަން ދިނުމަށެވެ.
މަސްވެރިން ބުނީ މިފްކޯއިން ފައިސާ ދޫކުރަން މަސައްކަތް ކުރަމުންދަނީ އިހްތިޖާޖުގައި ތިބި މަސް ދޯނިތަކުގެ ފައިސާއެވެ. އެގޮތުން ކޫއްޑޫ އާއި އައްޑޫގައި މުޒާހަރާކުރަމުންދާ ދޯނިތަކުގެ ފައިސާ ދޫނުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން އެގޮތަށް ކުރަނީ އިހްތިޖާޖު ކުރާ މަސްވެރިން އެގޮތަށް ޑިމާންޑުކުރުމުންނެވެ.