ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަސް, މަދު އަދަދެއްގެ މެމްބަރުން ތިބެގެން ރައީސް މަގާމުން ވަކިކުރުން ފަދަ ބޮޑެތި ނިންމުންތައް މަޖިލީހުން ނިންމަން ފުރުސަތު ނުދެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގައި ވަނީ މަޖިލީހުގެ ޖުމުލަ މެންބަރުންނަކީ އެ ވަގުތެއްގައި މަޖިލީހުގައި ދެމިތިބި މެންބަރުން ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައިވާތީ ޖުމުލަ މެންބަރުން ކަމަށް މިހާރު ބަލަނީ 80 މެމްބަރުންނެވެ.
އެ އިސްލާހު ބާތިލްކުރަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ބަންޑާރަ ނައިބުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. ގިނަސުވާލުތައް އަމާޒުކުރީ މަޖިލިސް އިންތިހާބާ ދެމެދު ހަ މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮވެއްޖެނަމަ ހުސްވާ ގޮނޑިތަކަށް މެންބަރުން އިންތިހާބު ނުކުރަން، ގާނޫނު އަސާސީގައި ބަޔާން ކުރާތީ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރު ހުސްނުއްސުއޫދުގެ އެއް ސުވާލަކަށްވީ އެ ހަ މަސް ދުވަހުގެ މުއްދަތުގައި މަޖިލީހުގެ ޖަލްސާއެއްގެ ކޯރަމް ވެސް ހަމަނުވާ އަދަދަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ކަން ވާނެ ގޮތަކާ މެދުގަ އެވެ.
ބަންޑާރަ ނައިބުގެ ވަކީލާ ވިދާޅުވީ އެފަދަ ހާލަތެއްގައި މަޖިލީހުގެ ޖުމުލަ އަދަދުން ކޯރަމް ހަމަވާ އަދަދު ނޯންނާނެތީ މަޖިލިސް ހުއްޓޭނެ ކަން ގަބޫލު ކުރައްވާ ކަމަށެވެ. އެކަމަކު މިހާރު މަޖިލީހުން އިސްލާހު ގެނެސްފައިވާ ގޮތަށް، މެމްބަރުންގެ އަދަދު ގުނާ ނަމަ ގާނޫނުއަސާސީ އިސްލާހު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުން ފަދަ ބޮޑެތި ނިންމުންތައް ނިންމޭނީ ވަރަށް ކުޑަ އަދަދަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މިސާލަކަށް އެންމެ 20 މެމްބަރުން ތިބޭ ހާލަތުގައި 11 މެމްބަރުންގެ ވޯޓުން ގާނޫނު ފާސް ކުރެވިދާނެ ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ ތަމްސީލުވުން ފުރިހަމަ ގޮތެއްގައި ނެތި ނިންމޭ ނިންމުންތަކެއް ކަމަށް ވަކީލާ ވިދާޅުވި އެވެ.
މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ނަމަވެސް މަޖިލީހުގެ ޔައުމިއްޔާތައް ހޯދުމަށް ފަހު އިތުރު ކަންކަން ސާފު ކުރަން ހުރެއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވަން ޖެހިދާނެ ކަމަށް، ރިޔާސަތުގައި އިންނެވި ފަނޑިޔާރުން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ގާނޫނު އަސާސީގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް އިންތިހާބުކުރި 87 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ވޯޓެވެ.
ނަމަވެސް ސަރުކާރާ ގުޅުނު ހަތް މެމްބަރުންގެ ގޮނޑި ހުސްވި ފަހުން އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލުގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުން، ރައީސާއި ނައިބު ރައީސް އަޒުލުކުރަން ބޭނުންވާ ވޯޓުގެ އަދަދު 54 އަށް ތިރިވީ އެވެ.
މިހާރު މަޖިލިސް ބެހިފައި އޮތް ގޮތުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ގުޅިގެން ލިބޭ 56 ވޯޓުން ރައީސް އަޒުލުކުރެވޭނެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ތެރެއިން އުފެދުނު އަރައިރުމުގައި އެމްޑީޕީން ވަނީ ރައީސް އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް ސޮއި ހަމަކޮށްފަ އެވެ. ނަމަވެސް މި މައްސަލަ އަދި މަޖިލީހަށް ހުށަނާޅަ އެވެ.