ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސް ކޮށްފައިވާއިރު ވެސް އެ ބިލު ތަސްދީގު ނުކޮށް ރައީސުލްޖުމްހޫރިއްޔާ ފަސް ކުރަމުން ދާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅީ ދަ ޑިމޮކްރެޓްސްގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)އެވެ. ވައްޑެ ހުށަހެޅި މައްސަލާގައި ބިލު ފާސްކުރިތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު އެ ބިލު ތަސްދީގު ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.

ވައްޑެގެ މައްސަލާގައި އެ ބިލު ތަސްދީގު ނުކޮށްފި ނަމަ ރައްޔިތުން އެތައް ތަކުލީފުތަކެއް އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކޮށްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޯދައިގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީން އިލެކްޝަން ކޮމިޝަނާ ވެސް ބައްދަލުކުރުމަށް ފަހު ނިންމީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރަން ފެންނަ ކަމަށެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އިސްލާހުގައިވާ ގޮތުން ރޯދަ މަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެ އެވެ.

މިހާރު ކުރިއަށްދާ ގެންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު މެއި 28، 2024 އަށް ހަމަވާއިރު، ގާނޫނު ބުނާ ގޮތުން އޭގެ 120 ދުވަސް ކުރިން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށަން ޖެހެ އެވެ. ގާނޫނުގައި ބުނާ ތާރީހުތައް ތަރުތީބު ކޮށްލުމުން އިންތިހާބު ބޭއްވެނީ މާޗު މަހުގެ 17 ހިސާބުގަ އެވެ.