ގދ. ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމަށްޓަކައި ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ތިނަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާއެއްގައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބް ސޮއި ކުރެއްވިއިރު އެ މަސައްކަތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ތައިލެންޑުގެ ކުންފުންޏަކާއެވެ. އެކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގެވެ.

ތައިލެންޑުގެ ޕޭން ޕެސިފިކްއާ ނަމަކަށް ކިޔާ އެ ކުންފުންޏަށް ހަވާލުކުރި އެ މަޝްރޫއު އަކީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ނަމަވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ މަޝްރޫއު އަށް ހުރިހާ ހަރަދެއް ކުރާނީ އިންވެސްޓަރު ކަމަށެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގައި އިނޮވޭޓިވް ފައިނޭންސް މޮޑެލްތައް ގެންނަވަން ގެންގުޅުއްވާ އުސޫލުގެ ދަށުން ދައުލަތަށް ބުރަ ނުވާ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް،" މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ވެސް އެފަދަ މަޝްރޫއުތައް ރާއްޖޭގައި ހިންގާނެ ކަމަށެވެ. އަދި ގދ. އަތޮޅުގައި ވަސީލަތްތައް ހުރި ނަމަވެސް އެ އަތޮޅު ތަރައްގީވެފައި ނުވަނީ ސަރުކާރުތަކުން އަޅާ ނުލާ އޮތުމުން ކަމަށާއި ތިނަދޫ އެއާޕޯޓާއެކު އެ އަތޮޅަށް އިތުރު ކުރިއެރުމާއި ތަރައްގީ ލިބިގެން ދާނެ ކަމަށެވެ.

ތިނަދޫގައި ތަރައްގީ ކުރާ އެއާޕޯޓުގެ އިތުރު ތަފްސީލު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެ އެއާޕޯޓު ތަރައްގީ ކުރާނީ ބޮޑެތި ބޯޓު ފަހަރުތައް ވެސް ޖެއްސޭނެ ގޮތަށް ކަމަށާއި އެ އެއާޕޯޓުގައި ފިއުލް ފާމަކާއި ކާގޯގެ ހިދުމަތްތައް ދޭނެ ކަމަށެވެ.

މިއީ ހުވަދު އަތޮޅަށް ލިބޭނެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއާޕޯޓަށް އިންވެސްޓު ކުރާ ކޮންޓްރެކްޓަރު ހުވަދު އަތޮޅުގައި 12 ރިސޯޓު ތަރައްގީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިއީ 2،400 އަށް ވުރެ ގިނަ އެނދު. އެހެން ކަމުން މިއީ ހުވަދު އަތޮޅަށް ލިބޭ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު،" މިނިސްޓަރު ވިދާޅުވިއެވެ.