މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބިގެން ކޫއްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ އާއި ފުވައްމުލައް އަދި ގއ، ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ތިނަދޫއަށް މިއަދު ވަޑައިގެން، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން މިރޭ ވިދާޅުވީ މުޒާހަރާކޮށްގެން މާ ބޮޑު ކުރިއެރުމެއް މަސްވެރިންނަށާއި ގައުމަށް ނުލިބޭނެ ކަމަށާއި އެމަނިކުފާނު އެދިވަޑައިގަންނަވަނީ މަސްވެރިން އަލުން މަޝްވަރާ ދިނުމަށް ކަމަށެވެ.

އަޅުގަނޑު ވެސް މިހުރީ ތައްޔާރަށް. އަޅުގަނޑާ ބައްދަލުކުރަން ބޭނުންފުޅިއްޔާ މިރޭ ވިޔަސް މާދަން ވިޔަސް، މަޝްވަރާ ކުރަން ތައްޔާރަށް
ރައީސް ޑރ. މުއިއްޒު

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅުގައި ތިބެ، ކުރި މުޒާހަރާތަކަށް އިޝާރާތް ކުރައްވައި މުއިއްޒު މިރޭ ވިދާޅުވީ މުޒާހަރާކޮށްގެން އިންޑިއާ ސިފައިން ބޭލިފައި ނުވާ ކަމަށެވެ.

"ރުން ކުރުކަމާއި ގަދަބަދަވިކަމުން މަގުމައްޗަށް ނުކުމެ، މުޒާހަރާކޮށްގެން ވާ ކަމެއް ނޫން އެއީކީ،" މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކޮން ކަމެއްތޯ ހާސިލުވާނީ އެކަންކޮށްގެން. ނުވާނެ އެއްކަމެއް ވެސް ހާސިލެއް. ރިވެތި އުސޫލުން ޑިޕްލޮމެސީގެ ރިވެތި މިންގަނޑުތައް ބޭނުންކޮށްގެން މަޝްވަރާކޮށްގެން ވާހަކަ ދެކެވިގެން ކަންކަން ހާސިލުވާނީ."

ކޫއްޑޫގައި އިހްތިޖާޖު ކުރާ މަސްވެރިން އެތަނުގެ އިންޖީނުގެއަށް ވަދެ، ކަރަންޓު ކަނޑާލަން އުޅުނު މައްސަލައަށް އިޝާރާތްކޮށް ރައީސް މިރޭ ވިދާޅުވީ އެތަންތަނުގެ މަސައްކަތް ހުއްޓުމުން ގެއްލުންވާނީ ރައްޔިތުންނަށް ކަމަށެވެ.

ކޫއްޑޫގައި ކުރަމުންދާ މުޒާހަރާއަށް ތިން ވަނަށް ވީ ދުވަހު، މިރޭ ރައީސް އެހެން ވިދާޅުވިއިރު، އިހްތިޖާޖުގައި ތިބި މަސްވެރިން ގެންދަނީ އެމަނިކުފާނާ ބައްދަލުކުރަން މަސައްކަތް ކުރަމުންނެވެ.

ކޫއްޑޫގައި އިހްތިޖާޖުގައި ތިބި ދޯނީތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫ "ގެލަރީ ވިޝަން"ގެ ކެޔޮޅު "ހަތާވީސް"އަށް މިއަދު ބުނީ އިހްތިޖާޖު ކުރާ މަސްވެރިންގެ ޓާކެޓަކީ މާދަމާ ރައީސާ ބައްދަލު ކުރުން ކަމަށެވެ. އެގޮތުން ގއ. ވިލިނގިއްޔަށް ރައީސް ވަޑައިގަންނަވާ ވަގުތު އެ ރަށަށް ދިއުމަށް މަސްވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ތިބީ 26 ވަރަކަށް ދޯނި. ގާތްގަނޑަކަށް މަސްވެރިންގެ ތެރެއިން 800 އެއްހާ މަސްވެރިން ވިލިގިއްޔަށް އެރުމަށް މަޝްވަރާކުރަމުން މި ދަނީ. އަހަރުމެންގެ ޓާކެޓަކީ ރައީސާ ބައްދަލުކުރުން
އަބްދުﷲ ދީދީ، ގެލަރީ ވިޝާންގެ ކެޔޮޅު

ވޭތުވެދިޔަ ދެ މަހު، މަސްވެރިން މިފްކޯއަށް ކިރުވި މަހަށްވާ 298 މިލިއަން ރުފިޔާ އަންނަ މަހުގެ 5ގެ ކުރިން ދިނުމަށް ސަރުކާރުން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދާއި މަސްވެރިންނާ އެކު، މިއަދު މެންދުރުފަހު ކޫއްޑޫގައި ކުރި މަޝްވަރާތަކުުގައި އެއްބަސްވެފައި ވަނީ މަސްވެރިންނަށް 119 މިލިއަން ދިނުމަށެވެ.

މަސްވެރިން ބުނީ މިފްކޯއިން ފައިސާ ދޫކުރަން މަސައްކަތް ކުރަމުންދަނީ އިހްތިޖާޖުގައި ތިބި މަސް ދޯނިތަކުގެ ފައިސާއެވެ. އެގޮތުން ކޫއްޑޫ އާއި އައްޑޫގައި މުޒާހަރާކުރަމުންދާ ދޯނިތަކުގެ ފައިސާ ދޫނުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެކަން އެގޮތަށް ކުރަނީ އިހްތިޖާޖު ކުރާ މަސްވެރިން އެގޮތަށް ޑިމާންޑުކުރުމުންނެވެ.