އިދިކޮޅު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، އިންތިހާބަކާއި ނުލާ އެ މަގާމަށް އިންތިހާބުވެއްޖެއެވެ.
އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ކުރި އިއުލާނުގެ މުއްދަތުހަމަވިއިރު، އެ މަގާމަށް ކުރިމަތިލާފައި ވަނީ އެންމެ މެންބަރެއް ކަމަށެވެ. އެ ބޭފުޅަކީ ޝާހިދެވެ. އެހެންކަމުން އިންތިހާބަކާއި ނުލާ އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމްޑީޕީ އަށް ސޮއި ކުރެއްވުމަށްފަހު 2013ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރަނީ އެމްޑިޕީ ކަމަށާއި އެ ޕާޓީގެ ސިޔާސަތު ގުޅިފައި ވަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސްކަން ހުސްވީ އެޕާޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ލީޑާޝިޕާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން ނަޝީދަށް ތާއީދު ކުރާ ބައެއް ފަރާތްތައް ޕާޓީން ވަކިވެ އުފެއްދި އައު ސިޔާސީ ޕާޓީއާ ގުޅިވަޑައިގަތުމަށެވެ.
އެއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ ރައީސް ކަމުގެ މަގާމު ވަގުތީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލު ކުރަން ނިންމިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ