އިގްތިސޯދީ އަނދަވަޅަކަށް ވެއްޓިފައި އޮތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަނީގެ ސަބަބުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދު ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތަކީ މި ސަރުކާރުގެ ސަބަބުން ކުރިމަތިވި ހާލަތެއް ނޫން ކަމަށެވެ. މި ހާލަތަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރުވެސް ކުރިމަތިވެފައިވާ ހާލަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވިއިރު މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެން ދިޔައިރު ކުރިމަތި ކޮށްފައިވާ އިގްތިސާދީ ހާލަތު،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގްތިސޯދު އޮތް ނުރަނގަޅު ހާލަތުގެ މައްޗަށްވެސް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ވިދާޅުވީ އެކިއެކި މަސައްކަތްތައް ކޮށްފައި ފައިސާ ނުދައްކާ ގިނަ އަދަދެއްގެ ބިލްތަކެއް އެމަނިކުފާނު ސަރުކާރަށް ވާރުތަވެގެން އައިސްފައިވާ ކަމަށެވެ.

އެގޮތުން ހަމައެކަނި ރާއްޖޭގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ޖުމްލަ 9 ބިލިޔަން ރުފިޔާގެ ބިލް ހުރިކަމާއި، ބޭރުގެ ފަރާތްތަކަށް އޮތް ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާކަމަށް ވިދާޅުވިއެވެ.

ފަރެސްމާތޮޑާގެ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެރަށުގެ ބަނދަރުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ފަރެސްމާތޮޑާގެ ބޯހިޔާވަހިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.