އަންދާޒާއަކީ، ގާތްގަނޑަކަށް ތިން އަހަރާއި ބައި، ހަތަރު އަހަރު ތެރޭގައި އައްޑޫ ސިޓީ ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް ނިމިގެން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި އަދި ވަކިން އޮންނަ ހުޅުމީދޫ ގުޅުވާލަދޭ ބްރިޖު މަޝްރޫއުގައި މިއަދު ވަނީ ސޮއި ކޮށްފައެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާއެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއަރު، ހެބާ އަހުމަދެވެ.

ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖެވެ. މިހާތަނަށް ރާއްޖޭގައި އަޅާފައި ވަނީ އެންމެ ބްރިޖެކެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނަކީ ވެސް 1.3 ކިލޯ މީޓަރެވެ. ތިލަމާލެ ބްރިޖުގެ ދިގު މިނަކީ 6.7 ކިލޯ މީޓަރެވެ.

މެކްސިމަމް ފޯ އިޔާސް. އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި މި މަސައްކަތް ނިންމައި، މި ސިޓީގެ ރައްޔިތުން ހިތަދޫން ހުޅުމީދުއަށް، ހުޅުމީދޫއިން ހިތަދުއަށް މުޅި ސިޓީއެކީ ގުޅި ލާމެހިގެން ގޮސް ދަތުރުކުރާ ތަން ފެނިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ކުރިޔަށް ގެންދަނީ ހަމައެކަނި ޝަރަފަކަށްޓަކައި ނޫން ކަމަށެވެ. އެ މަސައްކަތަކީ އިގްތިސޯދީ ކުރިއެރުމަކަށް ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"ގައުމަކަށް ކުރިއެރުން އަންނަނީ، ވަރަށް ގިނަ ކީ މުހިންމު ކަންތައްތަކެއް ކުރެވިގެން. އިނގިރޭސިވިލާތަށް އިންޑަސްޓްރިއަލް ރިވޮލިއުޝަން، ޔޫރަޕަށް، ފަރަންސޭސިވިލާތަށް އައީ، އެކަމަށް ބޭނުންވާ ކީ މަސައްކަތްތައް ކުރެވިގެން،" ރައީސް ވިދާޅުވިއެވެ.

ވައުދުވުމަކީ، ވައުދެއް ވާންވެގެން ވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ ވާ ވައުދަކީ ހިތުގެ އިހްލާސްތެރިކަމާ އެކުގައި، އެ ކަމެއް ފުއްދުމުގެ ނިޔަތުގައި ވާ ވައުދަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.