މޯލްޑިވްސް އިސްްލާމިކް ބޭންކް (އެމްއައިބީ)ގައި މީހަކު ހުޅުވާފައިވާ ރުފިޔާ އެކައުންޓުގައި ހުރި ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސްކޭމުތަކާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ ތަހުގީގުތަކުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ފުލުހުންގެ ސުޕްރިޓެންޑެންޓު އޮފް ޕޮލިސް ރަޝީދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވެސް ގިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެންނެވެ. އަދި ފޭރުނު ފައިސާ ތިން މީހެއްގެ އެކައުންޓަކަށް ޖަމާ ކޮށްފައިވެއެވެ. އެގޮތުން ފަސް ފަހަރެއްގެ މަތިން އެތަނުން އެކެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާ ކޮށްފައި އެބަހުއްޓެވެ.

މީގެއިތުރުން އެހެން ބައެއް ތަންތަނުން ވިޔަފާރު ވެސް ކޮށްފައި އެބަހުއްޓެވެ. ފުލުހުން ބުނީ މި މައްސަލާގައި ދެން ހައްޔަރު ކޮށްފައިވާ މީހުންނަކީ އުމުރުން 24 އަހަރުގެ އަންހެނަކާއި އުމުރުން 24 އަހަރުގެ ފިރިހެނެއްގެ އިތުރުން އުމުރުން 23 އަހަރުގެ ފިރިހެނެއް ކަމަށެވެ.

"ކުރެވުނު މަސައްކަތުން 48 ގަޑިއިރު ތެރޭގައި އަޅުގަނޑުމެންނަށް ވަނީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސެންޓު ރިކަވާ ކުރެވިފައި،" މި ފޭރުމާއި ގުޅޭ ގޮތުން ފުލުހުން ބުންޏެވެ.