ކުރީ ސަރުކާރުން ގައުމު ވައްޓާލާފައިވާ އިގްތިސޯދީ ފުން އަނދަވަޅުން އަރައިގަންނާނެ ކަމަށާއި އެ މަސައްކަތުގައި ސަރުކާރަށް ރައްޔިތުން އިތުބާރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް މިއަދު ވަޑައިގެން މަރަދޫ ފޭދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު 120 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރި ފަރާތްތަކުން މިއަދު އެފަދަ ހާލަތެއް ނެތް ކަމަށް ދެއްކުމުން ހައިރާންވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގައުމެއް ހިންގުމުގައި ލޯނަކީ ނަގާ އެއްޗެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް އެ ލޯނުތަކުގެ ސަބަބުން ފައިދާ ނުވާ ލޯނުތައް ގިނަވުމަކީ މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އިގްތިސޯދަށް ފައިދާ ނުވާ ކަމެއްގައި ރައްޔިތުން މުއްސަނދި ނުވާނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އުމްރާނީ މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު ވެސް ކުރިޔަށް ގެންދިޔައީ ވެސް ލޯނު ނަގައިގެން ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ދިވެހިންނަށް އެތައް ފައިދާތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ލޯނު ނެގި ނަމަވެސް އެ ލޯނުތަކުގެ ސަބަބުން ރައްޔިތުންނާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާ ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭނީ މި މަސައްކަތަށް އިތުބާރުކުރެއްވުމަށް، މިކަން ކުރިއަށް ގެންދިއުމުގައި ފުރުސަތު ދެއްވައި އިތުބާރުކުރެއްވުމަށް. ތަރަައްގީ ކުރިއަށް ދާނެ. ލަހެއް ނުކުރާނަން،" ރައީސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ އަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ހުޅުމީދޫއާ ގުޅުވާލަދޭ ބްރިޖު ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
" އޭގެ ޑިޒައިން މަސައްކަތް، ފީޒިބިލިޓީ މަސައްކަތް އެއީ، ހިލޭ އެހީ. އެ މަސައްކަތް ނިމިގެން ދެން މަސައްކަތަށް، އަސްލު ބުރިޖުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މި އަހަރު ފެށިގެންދާއިރުގައި، މި ދެންނެވި ބީދައިން ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދި މިހާރު އޮތް ހާލަތުން އަރައިގަންނަ ކަމަށްވާ ނަމަ އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.