މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަ ކުރުމުގެ ގޮތުން، މަގުތަކުގައި ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުންނަ އުޅަނދުތައް ކުނީގެ ގޮތުގައި ނަގަން ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އިސް ނަގައިގެން އެއްގަމު އުޅަނދުފަހަރުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ ވުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ހާއްސަ ޕްރޮގްރާމެއް މިއަދު ވަނީ ފަށައިފައެވެ. އެ މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަކީ ގްރޭޓާ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތައް ތޮއްޖެހިފައި ވުމުގެ ސަބަބުން މަގުމަތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައި ވުމާއެކު އެ ގޮންޖެހުންތަކުން އަރައިގަނެ މަގުމަތަކުގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި ފެށި ޕްރޮގްރާމެއް ކަމަށެވެ.
"މި މުހިއްމު މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން ގްރޭޓާ މާލެ ސަރަހައްދުގައ ހިނގާ އެކްސިޑެންޓްތަކާއި ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކޮށް އަދި ނުރައްކާތެރި ކަމަށް ހުށަހެޅި ގެންދާ ފަރާތްތައް މަދުކޮށް މާލޭ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާ އެކު ދުޅަހެޔޮ ވެއްޓެއް ގާއިމް ކޮށްދިނުމެވެ،" ޓްރާންސްޕޯޓުން ބުންޏެވެ.
ޓްރާންސްޕޯޓާއެކު މި މަސައްކަތުގައި މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި އެޗްޑީސީ އާއި އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ޓްރާންސްޕޯޓުން ބުނީ އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ގުޅުންހުރި އިދާރާތައް ހިމެނޭ ގޮތުން އާބަން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމެޓީއެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ ކޮމެޓީގެ މަޝްވަރާތަކަށްފަހު އެކަމާއި ގުޅިގެން ކުރުރާސްތާ އަދ ދުރުރާސްތާގައ ކުރެވޭނެ ކަންކަން ކަނޑައަޅާ އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެވުނު ކަމަށެވެ.
ދެ މަރުހަލާ އަކަށް ބަހާލައިގެން ކުރިޔަށް ގެންދާ އެ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި މާލެ އަދ ހުޅުމާލޭގެ މަގުތަކުގައ ބޭނުން ނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދެއްގެ ގޮތުގައ ނުބެލެވޭ ކުނީގެ ގޮތުގައ ހުރި އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން ހިމެނެއެވެ.
މީގެއިތުރުން ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހަމަޖައްސައި ދިނުން ވެސް ހިމެނެއެވެ. އަދި ރަޖިސްޓްރީ ނުކޮށް މަގުމަތީގައި ބަހައްޓާފައި ހުރި އުޅަނދުތައް މަގުމަތިން ނެގުން ވެސް ހިމެނެއެވެ.