ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ކޭޕާކު ރެޒިޑެންސް ހަދަމުން އަންނަ ހަމްބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމަށްޗާ ޖިން ޝީ ހޫ އަކީ ވެސް މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ކުރެވޭ ފަރާތެއްކަން އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން "ހަތާވީސް" އަށް މައުލޫމާތު ދިން ގޮތުގައި ޖިން ޝީ ހޫ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ ޒޯންގްރޮންގް ނަމަކަށް ކިޔާ ރިއަލް އެސްޓޭޓް ކުންފުންޏާއި ދެކޮޅަށް ޗައިނާގެ ކޯޓެއްގައި ދައުވާ ކުރުމުގެ ސަބަބުން އެތައް މިލިއަން ޗައިނީސް ޔުއާން ފްރީޒް ކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ދިން ފަރާތުން ބުނީ ޖިން ޝީ ހޫ ފުރަތަމަ ބުލެކް ލިސްޓް ކޮށްފައިވަނީ 2018 ގައި ކަމަށް. އަދި، އިތުރު އެހެން މީހެއްގެ 14 މިލިޔަން ޔުއާން އޭނާ ގެ އަތުގައި ހިފަހައްޓައިގެން ގެންގުޅެފައިވާ ކަމަށެވެ. އަދި ތަފާތު “ޝެލް ކޮމްޕެނީސް” [ޝެލް ކޮމްޕެނީސް ޢާއްމުކޮށް ބޭނުން ކުރަނީ ޣައިރު ޤާނޫނީ ވިޔަފާރިތަކަށް] ޖިން ޝީ ހޫ ގެ ނަން މަތީގައި ވާކަމަށެވެ.

އިތުރު މައްސަލައެއްގައި 35.7 މިލިއަން ޗައިނީސް ޔުއާން [77 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ] ފްރީޒް ކޮށްފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"މި ފައިސާ ފްރީޒް ކުރުމުގެ ކުރިން ޖިންޝުހޫ ވަނީ 2021ވަނަ އަހަރުގެ މާޗު މަހުގެ 20ވަނަ ދުވަހު ބްލެކް ލިސްޓު ކޮށްފައި. އަދި އޭގެ ތިން ވަރަކަށް މަސް ފަހުން އެއީ ހަމަ އެއަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު މި ބުނާ އެމައުންޓު [35.7 މިލިއަން ޗައިނީސް ޔުއާން] ވަނީ ފްރީޒް ކޮށްފައި،" މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތުން ބުންޏެވެ.

ޖިން ޝީ ހޫގެ މައްސަލައާ ގުޅިގެން ޗައިނާގެ އިސް ފަރާތަކާއި ދެމެދު ދައްކާފައިވާ ޗެޓުލޮގުތަކެއް "ހަތާވީސް" އަށް ވަނީ ލިބިފައެވެ. އެ ޗެޓްލޮގުތަކުން އެނގޭ ގޮތުގައި ޖިން ޝީ ހޫ އަކީ މަކަރާ ހީލަތް ހެދުމުގެ ރިކޯޑު އޮންނަ ފަރާތެކެވެ.

ކޭޕާކް ރެޒިޑެންސް މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސްގެ ދިވެހި ހިއްސާދާރު ކަމަށްވާ ހަސަން މަމްދޫހް (މަންޑޭ) މަކަރާއި ހީލަތް ހެދި ކަމަށް ބުނެ އެންމެ ފުރަތަމަ މައްސަލަ ފެންމަތި ކުރީ ޖިން ޝީ ހޫއެވެ. ނަމަވެސް މަންޑޭ ވަނީ އޭނާގެ މައްޗަށް ޖިން ޝީ ހޫ ކޮށްފައިވާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް ބަޔާނެއް ނެރެފައެވެ.

މަންޑޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މިކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ބުނީ ޖިން ޝީ ހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ބުނީ ކޭޕާކް މައްސަލަ ފެންމަތިވުމުން ޖިން ޝީ ހޫ ވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ދެވަނަ ދުވަހު ހަމްބޯ ކުންފުނީގެ ބޯޑުން މަންޑޭ ވަކި ކޮށްފައިވާ ކަމަށެވެ. އަދި މަންޑޭގެ ހިއްސާ ވޫޒީ ނަމަކަށް ކިޔާ ޗައިނާގެ ރައްޔިތަކަށް ވަނީ ދީފައިވާ ކަމަށާއި އަދި އޭގެފަހުން އެކުންފުންޏަށް ޝިނާހް ސައީދު ނަމަކަށް ކިޔާ ދިވެއްސަކު އެ ކުންފުނީގެ ތެރެއަށް ވައްދާ އޭނާއަށް ކުންފުނީގެ ބޯޑު ޑިރެކްޓަރުކަން ވެސް ދީފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހަމްބޯ ކުންފުނީގެ ދިވެހި ހިއްސާދާރަކަށް ކުރިން ހުރި މަންޑޭގެ މައްޗަށް މަކަރާ ހީލަތް ހެދުމުގެ މައްސަލައެއް ތަހުގީގުކޮށް މިހާރު ވަނީ ދައުވާކޮށް މައްސަލަ ކޯޓަށް ވެސް ހުށަހަޅާފައެވެ. އެގޮތުން ދައުލަތުން ވަނީ މަންޑޭގެ މައްޗަށް 104 ދައުވާއެއް ކޮށްފައެވެ.