ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުމުން ސިވިލް ކޯޓުން ނިންމާފައި އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ.
ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުގެ މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލާގައި (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭ ކަމަށެވެ. އަދި އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާތީ ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް އެ ހުކުމުގައިވެ އެވެ.
ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ އަމުރެއް ނެރެދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.