ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ޕްރައިމަރީގައި ވާދަކޮށް އެ އިންތިހާބުން ނާކާމިޔާބުވި ބައެއް ފަރާތްތައް އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ.

ޕީޕީއެމް / ޕީއެންސީން ވަނީ މަޖިލިސް އިންތިހާބުގައި އެ ކޯލިޝަންގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ޕްރައިމަރީ ބާއްވައިފައެވެ. އެ ޕްރައިމަރީގައި 283 ކެންޑިޑޭޓުން ވާދަކުރިއެވެ. ބަލިވި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރަން ނިންމައިފައެވެ. އަދި ބައެއް ފަރާތްތަކުން މިހާރު ވަނީ އިލެކްޝަންްސް އަށް ފޯމު ހުށަހަޅައިފައެވެ.

އެގޮތުން ޕީޕީއެމް / ޕީއެންސީގެ ޕްރައިމަރީން ނާކާމިޔާބުވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ދުންޔާ ވާދަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާއަށެވެ. ޝަނީޒް ހާޝިމް (ޝާންކޮ)އާ ވާދަކުރައްވާ ދުންޔާ އަށް ޕްރައިމަރީން ލިބިވަޑައިގަތީ 70 ވޯޓެވެ. ޝާންކޮ އަށް ލިބިވަޑައިގަތީ 240 ވޯޓެވެ. ނަމަވެސް ދުންޔާ މިއަދު ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އެ ދާއިރާ އަށް ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފައެވެ.

ދުންޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން މިނިވަން ކެންޑިޑޭޓެއްގެ ގޮތުން މިއަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ސާބިތުވެ ހުންނާނަން،" ދުންޔާ ވިދާޅުވިއެވެ.

މީގެއިތުރުން ހުރާ ދާއިރާ އަށް ޕީޕީއެމް / ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމު ވެސް ވަނީ ޕްރައިމަރީން ނާކާމިޔާބުވުމުން އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަ ކުރަން ނިންމަވައިފައެވެ.

ހަމައެއާއެކު މިލަންދޫ ދައިރާގެ ޕްރައިމަރީގައި ވާދަކުރި ނަބީލް ޒަމީރު ވެސް އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަކުރަން ވަނީ ނިންމައިފައެވެ. އެ ދާއިރާގެ ޓިކެޓު ކަށަވަރު ކުރެއްވީ 18ވަނަ މަޖިލީހުގައި އެ ދާއިރާގެ މެންބަރުކަން ކުރެއްވި ހަސަން މުފީދެވެ.

މީގެއިތުރުން ވެސް ބައެއް އެހެން ދާއިރާތަކުގެ ޕްރައިމަރީން ނާކާމިޔާބުވި ބައެއް ކެންޑިޑޭޓުން ވަނީ އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފައެވެ.