ގއ. ވިލިނގިލީ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ހިމެނޭ ވަރުގަދަ ޓީމަކުން މިނިވަން ކެންޑިޑޭޓަކު އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނެރެފިއެވެ.

ވިލިނގިލީ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުންނާއި ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކާ އެކު، އެ ދާއިރާގެ މެމްބަރުކަމަށް ނެރުނީ ގއ. ވިލިނގިލި، ސެވަންރޯސް، އާޒިމް އަބްދުލްއަޒީޒެވެ. މިދިޔަ ހޯމަ ދުވަހު އާޒިމްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.

ވިލިނގިލި ދާއިރާގެ ޕީޕީއެމްގެ ރައީސް ނަޒްލީން ނަޖީބު (ކުއްބެ) "ހަތާވީސް"އަށް ވިދާޅުވީ އާޒިމް މަޖިލިސް އިންތިހާބަށް ނުކުންނެވީ ރައްޔިތުންގެ ކެންޑިޑޭޓުގެ ގޮތުގައި ކަމަށާއި މި ސަރުކާރު ގެނައުމަށް ވިލިނގިލިގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންނާއި ސަރުކާރަށް ތާއިދުކުރާ ވިލިނގިލީގެ ގިނަ ރައްޔިތުން ތިބީ އާޒިމްއާ އެކު ކަމަށެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ ގޮނޑިއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މި ގޮނޑި ކާމިޔާބުވާނެ
ނަޒްލީން ނަޖީބު (ކުއްބެ)، ވިލިނގިލި ދާއިރާގެ ޕީޕީއެމްގެ ރައީސް
އާޒިމަށް ތާއިދު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން--

މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އާޒިމް ވިލިނގިލި ދާއިރާއަށް ނުކުންނެވީ ވިލިނގިލި ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން އޭނާއަށް ބައިއަތު ހިފުމުންނެވެ. އެގޮތުން ޕީޕީއެމް މެޖޯރިޓީ އޮތް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދާއި ޕީޕީއެމްގެ މެޖޯރިޓީ އޮތް ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީން (ޝިހާން) ވަނީ އާޒިމަށް ތާއިދު ކުރައްވާފައެވެ. ޝިހާންއަކީ ޕީޕީއެމް/ޕީއެންސީ ސެނެޓް މެމްބަރެކެވެ. މީގެ އިތުރުން ވިލިނގިލީ ދާއިރާގެ ޕީޕީއެމް ރައީސް ކުއްބެ އާއި ޕީޕީއެމް/ޕީއެންސީގެ ސިޓިއަރިން ކޮމެޓީ ރައީސް އަހުމަދު ރަޝާދު (ރަތްވިލާ) ވެސް ވަނީ އާޒިމަށް ތާއިދު ކުރައްވާފައެވެ.

މީގެ އިތުރުން ވިލިނގިލީ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ތިން ކައުންސިލަރުން ކަމަށްވާ، ކައުންސިލްގެ ނައިބު ރައީސް އައިޝަތު ނަޒްދާ އާއި ޝަބީބާ ހަސަން އާއި އިބްރާހިމް ރަޝީދު (އިއްބެ) ވެސް ވަނީ އާޒިމަށް ތާއިދުކޮށް، ކެމްޕެއިން ކުރައްވަން ފައްޓަވާފައެވެ.

އާޒިމް އޭނާގެ ސަޕޯޓަރުންނާ އެކު ގއ. ވިލިނގިލީގައި

އާޒިމަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި ވިލިނގިލީ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީން ދެ ވަނައަށް ދިޔަ ކެންޑިޑޭޓެވެ. އެ ދާއިރާގެ ޕީއެންސީގެ ޓިކެޓް 92 ވޯޓުގެ ފަރަގަކުން ކުރި ކުރި ހޯދައިގެން، ޓިކެޓް ކަށަވަރު ކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެމްބަރު ގއ. ވިލިނގިލީ، ވައިޖެހޭގެ، ޔަޒްމީދު މުހައްމަދެވެ. ޔަޒްމީދަށް ލިބިވަޑައިގެންނެވީ 577 ވޯޓެވެ. އާޒިމަށް ލިބިވަޑައިގެންނެވީ 485 ވޯޓެވެ. ފަސް ކެންޑިޑޭޓުން ވާދަކުރި ޕްރައިމަރީގައި ޕީޕީއެމް/ޕީއެންސީގެ 1854 މެމްބަރަކު ވޯޓުލާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިދާރީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން ވިލިނގިލި ދާއިރާގައި މިހާރު ހިމެނެނީ ގއ. ވިލިނގިލި އެކަންޏެވެ. އެ ރަށުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 2،731 މީހުންނަށެވެ.