ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ގުނަން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ތަބާނުވާން މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތައް ނުހިމަނާ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރަން މަޖިލީހުގެ ތަޅުމުން މިއަދު ނިންމުމަށްފަހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދ އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖުމްލަ އަދަދު އަނެއްކާވެސް ގުނަމުންދާނީ އިސްލާހުގައިވާ ގޮތުގެ މަތިން 80 މެމްބަރުން ކަމުގައި ބަލައިގެން ކަމަށެވެ.
އާންމު ކޮމިޓީން ނިންމާ ނިންމުންތަކަކީ އާންމު ގޮތެއްގައި މަޖިލީހުގެ ތަޅުމުން ފާސްކުރާ ނިންމުންތަކެއް ނޫނެވެ. ނަމަވެސް، މިއަދުގެ ޖަލްސާގައި އާންމު ކޮމިޓީން ގަވައިދަށް ގެނައި އިސްލާހުތައް ފާސްކުރަން ވޯޓަށް ވަނީ އަހާފަ އެވެ.
ނަމަވެސް އޭގެކުރިން މިއަދު ނެގި އެހެން ދެ ވޯޓެއްގައި ޖުމްލަ މެންބަރުންގެ އަދަދު ގުނީ 87 މެމްބަރުން ކަމުގައި ބަލައިގެންނެވެ. އެއީ ސުޕްރީމް ކޯޓުން އެގޮތަށް ޖުމްލަ މެންބަރުންގެ އަދަދު ގުނަން އަމުރުކޮށްފައި އޮތުމުންނެވެ. ނަމަވެސް، އާންމު ކޮމިޓީގެ ނިންމުން ތަޅުމުން ފާސްވުމާ އެކު އަސްލަމް ވިދާޅުވީ ދެން ޖުމްލަ މެންބަރުންގެ އަދަދު ކަމަށް އަނެއްކާވެސް ބަލާނީ 80 ކަމަށެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ސުޕްރީމް ކޯޓުގެ އަމުރާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކާއި ގަވައިދަށް ގެންނަ އިސްލާހުތަކާ މެދު ސުޕްރީމް ކޯޓަށް ބަސް ނުކިޔޭނެ ކަމަށެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވެސް ވިދާޅުވީ ސްޕްރީމް ކޯޓުން ވަގުތީ އަމުރު ނެރެފައި ވަނީ ގާނޫނުއަސާސީއާ ހިލާފުތޯ ނިންމުމެއް ނެތި ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައެެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތީ މަޖިލީހުގެ ކޯރަމަކީ ކޮބައިކަން އެނގިގެންނެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ނިންމުންތަކަށް ބާރު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ނޯންނަ ކަމަށާއި އެހެންވެ މެމްބަރުންގެ އަދަދު ގުނާ މެދު ވެސް ގޮތް ނިންމާނީ ވެސް މަޖިލީހުން ކަމަށެވެ.